ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ަމުއްދަތު ހަމަވެފައި އޮތުމުން ރައީސް ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނުދިން!

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުމުން ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ވަދެ އެ ފައިސާއިން މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލު ކުރައްވާފަ އެވެ. މިދިޔަ އަންގާރަ ދުވަހު ރައީސް ޔާމީންގެ އެ ހުކުމް ބާތިލު ކުރުމުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އެދިގެން ފުލުހުން ވަނީ ކްރިމިނަލް ކޯޓަށް ރައީސް ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމަށް އެދިފަ އެވެ.

ދައުލަތުން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން ނެރެދެއްވި ހަތް ދުވަހުގެ މުއްދަތު މާދަމާއަށް ހަމަވާއިރު ޕާސްޕޯޓު ހިފެހެއްޓުމުގެ އިތުރު އަމުރަކަށް ދައުލަތުން އެދުނީ އެވެ. އެހެންވެ ގާޒީ ނިންމެވީ ދެ ފަރާތުގެ ވެސް ވާހަކަ އަޑުއެހުމަށް ފަހު މައްސަލައިގެ ގޮތެއް ނިންމާށެވެ.

މައްސަލައިގައި މިއަދު މެންދުރު ކުރިޔަށް ގެންދިޔަ ސެޝަންގައި ދައުލަތުން ވަނީ ރައީސް ޔާމީން ފިލައިގެން ރާއްޖެއިން ބޭރަށް ދަން އުޅޭކަމުގެ ހެކި ލިބިފައިވާކަމަށް ބުނެފަ އެވެ. އަދި ހިޔަނާތުގެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވި، ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުފްޣަފޫރެކޭ އެއްގޮތަށް ރައީސް ޔާމީން ވެސް އެފަދަ އަމަލެއް ހިންގެވުމުގެ ފުރުސަތު އެބައޮތްކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވެސް ވަނީ އެކަމަށް އިންކާރު ކުރައްވައި، ފިލައިގެން ދާން އުޅޭނަމަ އެކަމުގެ ހެކި ދެއްކެވުމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ރާއްޖެ ދޫކޮށް ފިލަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، އެފަދަ ހިޔާލެއް ވެސް ނުގެންގުޅުއްވާކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.

މިއަދުގެ މެންދުރުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން އެދުނީ، ލިޔުންތަކާއި ދައުލަތުން ހަވާލާދެއްވާފައިވާ ގަޒިއްޔާތައް ދިރާސާ ކުރަން ވަގުތު ދިނުމަށެވެ. ނަމަވެސް މިއީ އެންމެ ދެގަނޑުގެ މައްޗަށް އެކުލެވިގެންވާ ލިޔުންތަކެއްކަމުން އެއީ މާ ދިގު މުއްދަތެއްކަން ދައުލަތުން ފާހަގަ ކުރި އެވެ.

ހަވީރުގެ އަޑުއެހުން ފެށުމާއި އެކު ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނުއިރު އެއީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ކަމަށެވެ. ރައީސް ޔާމީންގެ ފަރާތުން މި ނުކުތާ ފާހަގަކުރީ ރައީސް ޔާމީންގެ އޯޑިނަރީ އަދި ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފަހައްޓަން ދައަލަތުން އެދުމުންނެވެ. ރައީސް ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތުން ހުށަހަޅަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އޭގެއިން އެއްވެސް ނަތީޖާއެއް ނުނިކުންނާނެކަން ފާހަގަ ކުރި އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ރައްދަށް ދައުލަތުން ތަކުރާރުކޮށް ބުނަމުން ދިޔައީ ޝަރީއަތް ހިންގާއިރު ކުށުގެ ތުހުމަތު ކުރެވޭ މީހާ ހުންނަން ޖެހޭނީ މާލޭގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ މާލީ ހާލަތާއި ވަސީލަތްތަކަށް ބަލައި ފިލުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވި އެވެ.

ދެ ފަރާތުން ދެއްކެވި ވާހަކަތަކަށް ފަހު މައްސަލަ ބައްލަަވާ ގާޒީ ދައުލަތާއި ގިނަ ސުވާލުތައް އަމާޒު ކުރެއްވި އެވެ. އެގޮތުން ރައީސް ޔާމީންގެ ދެ ޕާސްޕޯޓުގެ ވެސް މުއްދަތު ހަމަވެފައިވާކަން ދައުލަތަށް އެނގޭތޯ އާއި ދެން އާއި މެދު އަމަލު ކުރީ ކިހިނެއްތޯ ސުވާލު ކުރެއްވި އެވެ. އަދި ޕާސްޕޯޓު އާ ކުރާނަމަ، ދައުލަތަށް ނޭނގި އެކަން ކުރެވިދާނެތޯ ސުވާލު ކުރެއްވި އެވެ.

ޔާމީންގެ ދިފާއީ ވަކީލުން ފާހަގަ ކުރެއްވި ކަމަކީ އެމަނިކުފާނުގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުމުން މިހާރު ވެސް އެމަނިކުފާނަށް ރާއްޖޭން ބޭރަށް ވަޑައިނުގެންނެވޭނެ ކަމުގައެވެ. އަދި މިހާތަނަށް ވެސް ޔާމީން ގެންދެވީ ޝަރީއަތަށް އެއްބާރުލުން ގެންދަވަމުން ކަމުގައި ދިފާއީ ވަކީލުން ވިދާޅުވެއެވެ.

ޖަވާބުގައި ދައުލަތުން ވިދާޅުވީ، ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާ ކަން ދައުލަތަށް އެނގޭ ކަމަށެވެ. އަދި އިމިގްރޭޝަންގައި އެ ކަމަށް އެދިއްޖެ ހާލަތެއްގައި، އާ ޕާސްޕޯޓް ދޫކުރުމުގެ ކުރިން ދައުލަތަށް ހުއްޓުމުގެ ފުރުސަތު ވެސް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ގާޒީ ޝަކީލް ނިންމެވީ ދައުލަތުން ހިފަހައްޓައިދޭން އެދުނީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ކަމުން އެއީ ވުޖޫދުގައި ނެތް ޕާސްޕޯޓެއް ކަމުގައި ބެލައި އަމުރު ނެރެނުދިނުމަށެވެ. ގާޒީ ވިދާޅުވީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓަކުން ފުރުމުގެ އެއްވެސް ޖާގައެއް ނެތްކަމަށާއި، ރައީސް ޔާމީން ފުރައިގެން ދާން ޖެހޭ އެއްވެސް ސަބަބެއް އަދި އެއްވެސް ހެއްކެއް ވެސް ދެއްކިފައި ނުވާ ކަމަށެވެ.

ރައީސް ޔާމީނަކީ މިހާތަނަށް އައި އިރު ވެސް ޝަރީއަތަށް އެއްބާރުލުންދީ، ކޯޓުން އަންގާ ވަގުތަކަށް ހާޒިރުވަމުން ވެސް އަންނަ ބޭފުޅަކަށް ވާތީވެ އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމުގައި ގާޒީ ކަނޑައެޅުއްވިއެވެ.

ވަކީލު ޝިޔާޒް ވިދާޅުވީ ރައީސް ޔާމީނަކީ މިހާތަނަށް އައިއިރު ޝަރީއަތަށް އެއްބާރުލުން ދެއްވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީން ފިލައިގެން ދާން އުޅޭކަމަށް ވާހަކަ ދެއްކެވީ އެއްވެސް އަސާސެއް އަދި ހެއްކެއް ނެތިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: