ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ މަޝްރޫއުތައް ކުރިޔަށް ދަނީ ފަތުއަޑު ކިޔާފައި: އާޒިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕްލޭނިން މިނިސްޓަަރު މުހައްމަދު އަސްލަމް އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް މޯލްޑިވްސް ޓާރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭގެ ރަށްތަކަށް ތަރައްގީގެ މަޝްރޫއުތައް ގެނެސްދެނީ ފަތުއަޑުކިޔާ އުސޫލުންކަމަށް ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީގެ ކާމިޔާބީއަށް 41 އަހަރުން ފުރުން ފާހަގަކުރުމަށް މިރޭ ހާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު، ކުންފުނިން ވަނީ ތާރީހުގެ ވެސް އެންމެ ބޮޑު ފައިދާ މިދިޔަ އަހަރު ހޯދާފަ އެވެ. މިރޭގެ ޖަލްސާގައި އާދަމް އާޒިމް ވަނީ މި އަހަރުގައި އަނެއްކާވެސް އާ ރިކޯޑެއް ގާއިމުކޮށް، މި އަހަރުގެ މިހާތަނަށް ލިބުނު ފައިދާ 2020 އަށް ވުރެ އިތުރުވެފައިވާކަން ފާހަގަ ކުރައްވާފަ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެންމެ ބޮޑު އަމާޒަކަށް ވީ ރައްޔިތުންނާއި ވީހާވެސް ގާތުން، މަސައްކަތް ކުރުން ކަމަށެވެ. މީގެ ކުރިން ބަނދަރު މަޝްރޫއެއް ނިންމަން ނެގި ތިން އަހަރުގެ މުއްދަތު އެއް އަހަރު ދުވަހަށް އަވަސް ކުރެވިފައިވާކަން އާޒިމް ފާހަގަ ކުރެއްވި އެވެ. އެއާޕޯޓެއް އަޅަން ވެސް ދިގު މުއްދަތެއް ނަގާއިރު، މިހާރު އެމްޓީސީސީން އެ މައްސަކަތް 15 މަސް ދުވަހުން ނިންމާލާކަމަށް އާޒިމް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުގައި އާޒިމް ދެއްކެވީ ހއ. ހޯރަފުށި އެއާޕޯޓެވެ.

ފަތުއަޑުކިޔައި މިއަދު އެމްޓީސީސީން ކުރިޔަށް ގެންދާ މަޝްރޫއުތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައްކަމަށާއި އޭގެ ތެރޭގައި ބަނދަރު ހެދުމާއި ބިން ހިއްކުމާއި މަގު ހެދުމާއި، ހޮސްޕިޓަލްތަކާއި، އެއާޕޯޓުތައް އެޅުމާއި، ގޮނޑޮދޮއް ހިމާޔާތް ކުރުމާއި، ދަތުރުފަތުރު ފަދަ ކިތަންމެ މަޝްރޫއުތަކެއް ހިމެނޭކަމަށް އާޒިމް ވިދާޅުވި އެވެ.

“އެންމެ މަޝްރޫއުއެއް ވެސް ނުހިންގާ އެންމެ އަތޮޅެއް ވެސް… އެންމެ ރަށެއް ވެސް މި ރާއްޖެއަކު ނެތް… ސާބަސް ރައީސް… ސާބަސް.. އަޅުގަނޑު ހިތަށް އަރާ މި މަޝްރޫއުތަކުގެ މޮޑަލްތަކެއް މި ދިމާލުގައި އޮންނަ ބްރިޖެއްގެ މަތީ އަތުރާލެވޭނެ ނަމައޭ.. އޭރަށް ކަންނޭގެ މި މަންޒަރު ނުފެންނަ ލޯތަކަށް ވެސް މި މަންޒަރުތައް ފެންނާނީ… ގަބޫލު ކުރެވޭނީ.. މިހާ ގިނަ މަޝްރޫއުތައް މި ރާއްޖޭގައި ހިނގަމުންދާ ކަން” އާޒިމް

މި ރާއްޖޭގެ ގައުމީ ތަރައްގީ ކުރިއަރައިގެން ދިޔައީ ހިކި އަނަރޫފުވެފައިވާ ގަހަކަށް ފެން ދިނުމުން އެ ގަސް ކުރިލައި ހެދި ފޯމެ މޭވާ އަޅާ ގަހެއް ފަދައިންކަމަށް އާޒިމް ސިފަ ކުރެއްވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި 2018 ގެ ކުރިން އެމްޓީސީސީއަށް އެއްފަހަރައި ހިންގުނީ ގާތްގަނޑަކަށް 25 މަޝްރޫއު އެވެ. ނަމަވެސް މިވަގުތު އެއް ފަހަރާ 94 މަޝްރޫއެއްގައި ހަރަކާތްތެރިވެ، 64 މަޝްރޫއެއް އެއްވަގުތެއްގައި ހިންގަމުންދާކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރަކީ ހަމައެކަނި ކޮންކްރީޓު ތަރައްގީ ގެނުވާ ސަރުކާރެއް ނޫން ކަމަށެވެ. މިއީ މުސްތަގުބަލަށް ފައިހަމަކުރާ، ގާބިލު ދަރީންތަކެއް ބިނާ ކުރާ ސަރުކާރެއްކަމަށާއި ވިސްނުމަކީ އިންސާނީ ވަސީލަތާއި އަދި އުމްރާނީ ތަރައްގީ އާއި އެކީ ދާއިރާތަށް ކުރިއެރުވުންކަމަށް އާޒިމް ވިދާޅުވި އެވެ.

މި ސަރުކާރުން އަލަށް ފެށި ހިލޭ ޑިގްރީ ކިޔަވައިދޭން ފެށުން އޭގެ ވަރުގަދަ ދަލީލަކަށްވާއިރު، އެމްޓީސީސީން ވެސް ދަނީ ކުންފުންޏަށް ބޭނުންވާ އިންޖީނިއަރުންނާއި ޓެކްނިކަލް މުވައްޒަފުނާއި މުހިންމު ފަންނުތަކުން މުވައްޒަފުން ތަމްރީނު ކުރުމުގެ ފަސް އަހަރުގެ ޕްރޮޖެކްޓެއް ހިންގަމުންކަމަށް އާޒިމް ވިދާޅުވި އެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން އެއީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށް އާޒިމް ވިދާޅުވީ ކުންފުނީގެ މުވައްޒަފުންގެ އަދަދު 1،500 އިން 3،000 އަށް އެ އަދަދު ތިން އަހަރުގެ ތެރޭގައި އިތުރު ކުރެވިފައިވާކަމަށެވެ.

އާޒިމް ވިދާޅުވީ 2022 ނިމުމުގެ ކުރިން އެމްޓިސީސީން ފަށާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ބައިނަލްއަޣުވާމީ މިންގަނޑުތަކަށް ފެތި ދުނިޔެ ބަލައިގަންނަ މިންގަނޑެއްގައި ހަދާ ބޯޓުޔާޑުގެ މަޝްރޫއުކަމަށެވެ. މިއީ 5،000 ޓަނުގެ އުޅަނދުފަހަރު މަރާމާތު ކުރެވޭނެ ތަނެއްކަން ފާހަގަކޮށް އާޒިމް ވިދާޅުވީ މިއީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާނެ އުޅަނދުފަހަރު ކޮމިޝަން ކުރެވޭނެތަނެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: