ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވެރިކަމުގައި ބަންގްލަދޭޝްއާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް ތައްޔާރު: ރައީސް

މިއަދު ބޭއްވި ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިވެރިކަމުގައި ބަންގްލަދޭޝްއާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް ތައްޔާރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ދެމެދު ކުރެވުނު ރަސްމީ މަޝްވަރާތަކަށްފަހު ރައީސް ސޯލިހާއި ޝެއިޚް ހަސީނާއާއި ދެބޭފުޅުން ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު އޮތް ގުޅުމަކީ ގާތް ވަރުގަދަ ގުޅުމެއް ކަމަށެވެ. އަވަށްޓެރި ދެގައުމަށް ވުމުގެ އިތުރުން ދެގައުމުންވެސް އަމަލުކުރަމުންދާ އެއްގޮތް އުސޫލުތަކެއް ހުރުމުގެ ސަބަބުން އެގުޅުން އިތުރަށް ވަރުގަދަވެގެންދާކަމަށް ރަައީސް ވިދާޅުވިއެވެ. އަދި ފާއިތުވެގެންދިޔަ އަހަރުތަކުގެ ތެރޭގައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރެވުނުކަން ފާހަގަކުރައްވައި މަތީ ފަންތީގައި މުއާމަލާތްތަކެއް ކުރެވުނުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރައީސްވަނީ މިއަދު އަލަށް ވެވުނު އެއްބަސްވުންތަކާއި އާކުރެވުނު އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ބަންގްލަދޭޝްއިން އެކިގޮތްގޮތުން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވައި ބޮޑުވަޒީރު ޝެއިޚް ހަސީނާއަށާއި ބަންގްލަދޭޝްގެ ރައްޔިތުންނަށް ވަނީ މަރުހަބާ ދަންނަވާފައެވެ. އެގޮތުން އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ދާއިރާއިން ބަންގްލަދޭޝްއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ޔޫއެންގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ކޮލިފައިވާކަން ފާހަގަކުރައްވާ ބަންގްލަދޭޝްއަށް ވަނީ މަރުހަބާ ދަންނަވާފައެވެ.

މިއަދު ވެވުނު އެއްބަސްވުންތަކާއި އާ ކުރެވުނު ބައެއް އެއްބަސްވުންތަކަށް ބަލައިލާއިރު އެވޮއިޑަންސް އޮން ޑަބަލް ޓެކްސޭޝަން، އެމްއޯޔޫ އޮން ކޮލަބްރޭޝަން ފޮ ދި އިމްޕްރޫވްމަންޓް އޮފް ހެލްތްކެއަރ ސިސްޓަމްސް އެޑްރެސިން ހެލްތް ކެއަރ ޗެލެންޖަސް، އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އަދި ސިއްހީ ދާއިރާގެ މާހިރުން ރެކްރޫޓްކުރުމަށް ވެވުނު އެއްބަސްވުންތައް ފާހަގަކުރެވެއެވެ. އަދި ސިއްހީ ދާއިރާ، މަތީ ތައުލީމްގެ ދާއިރާ، ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް އަދި ޑިފެންސްގެ ދާއިރާއިން ރާއްޖެއަށް ބަންގްލަދޭޝްއިން ދެމުންދާ އެހީތެރިކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖެއަށް ފޯރުކޮށްދިން މިލިޓަރީ ވެހިކަލްތަކާއި، ބަންގަލަދޭޝްގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް ބަންގްލަދޭޝްއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ވޮކޭޝަނަލް ޓްރެއިނިން އަދި ސްކިލް ޑިވެލޮޕްމަންޓް ތަރައްގީކުރުމަށް ބަންގްލަދޭޝްއިން ދެމުންދާ އެހީތެރިކަމަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ.

“ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ބެލުމަށްފަހު އަޅުގަނޑު ވާނީ ދަރިވަރުންނަށް ލޯންގް ޓާމް ސްޓޫޑެންޓް ވިސާ ދޫކުރުމަށް ރިކުއެސްޓް ކޮށްފައި.” ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބޮޑުވަޒީރާއި ބައްދަލުކުރެއްވުމަށްފަހު ރައީސް ދެއްވި ސްޓޭޓްމަންޓްގައި ރައީސް ވަނީ ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހުކުރުމަށް މަޝްވަރާކުރެވުނުކަން ފާހަގަކުރައްވާފައެވެ. އަދި އެވޮއިޑަންސް އޮން ޑަބަލް ޓެކްސޭޝަން އާއި ޕްރިވެންޝަން އޮފް ފިސްކަލް އިވޭޝަންގެ ދާއިރާއިން ވެވުނު އެއްބަސްވުންތަކަކީ އިގްތިސާދީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވަނީ ކޮވިޑްގެ ހާލަތުގައި ކުރެވުނު މަސައްކަތްތަކާއި ވެކްސިން ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ.

ޝެއިޚް ހަސީނާއަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް މިއަދު ވަނީ ރަސްމީކޮށް މަރުހަބާ ދަންނަވާފައެވެ. ޝެއިޚް ހަސީނާ މާލެއަށް ފައިބައިވަޑައިގަތުމާއެކު، ރަސްމީ ފާލަމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމްމުހައްމަދު ސޯލިހެވެ. މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އެއަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ޝަރަފްގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެކަމަނާއަށް ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެކަމަނާ ވަޑައިގެންނެވީ ހަތްކޮޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު އެކަމަނާ ވަނީ އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި މިރޭ ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޖާފަތެއްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: