ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ މަރު: އަދުހަމްގެ އަދަބު ލުއިކޮށް ނުދޭން ނިންމައި، ހެކިންގެ ހެކި ބަސް ނެގުން ކުރިޔަށް!

ގާސިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އަދުހަމް މުހައްމަދު: ފޮޓޯ/ ވަގުތު އިމޭޖެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމް ކުޑަކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ކުށަށް އިއުތިރާފުވެ، އޭގެ ފަހުން އިންކާރުކޮށް އަނެއްކާވެސް ކުށަށް އިއުތިރާފުވި އަދުހަމް މުހައްމަދަށް ލުއިކޮށްދެވެން ނެތްކަމަށް ނިންމަވައިފި އެވެ.

އަނިޔާވެރިގޮތަކަށް، ގާސިމް މަރާލާފައި އޮއްވާ ފެނުނީ 2019، ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭ އެވެ. ޒަހަމްތަކާއި އެކު، މަގުމައްޗަށް ވެއްޓިފައި އޮއްވައި ގާސިމް ފެނިފައި ވަނީ ހުޅުމާލޭގެ، ވެހިކަލްތަކާއި މީހުން މަދު އަނދިރި ސަރަހައްދެއް ކަމަށްވާ ރީތިގަސް މަގުންނެވެ. ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މަައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ހަސަން ޝިފާއު ވިދާޅުވީ އެއީ ފޭރެން އުޅުމުގެ ތެރެއިން ހިންގި ގަތުލެއް ކަމަށެވެ. އަދި ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި އާއި އޭނާ ލައިގެން ހުރި އަންނައުނު ވެސް ފުލުހުން ވަނީ ތަހުގީގަށް ހޯދާފައެވެ. އެ މައްސަލާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމަށްފަހު ބޭއްވި ދެ ވަނަ އަޑުއެހުމުގައި ވެސް އަދުހަމް ކުށަށް އިއުތިރާފްވިއެވެ. އަދި ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދެވުނު ކަމަށް ބުނެ އަދުހަމް ވަނީ ތަހުގީގުގައި ކުށަށް އެއްބަސްވެފަ އެވެ.

ފުރަތަމަ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެ، އެ ރޭ ކަން ހިނގައި ދިޔަ ގޮތް ކިޔައިދީ އަދުހަމް ގާސިމްގެ އާއިލާގެ ކިބައިން މައާފަށް ވެސް އެދުނެވެ. ރޮމުން އޭނާ އެދުނީ ކުށުގެ އަދަބު ލުއިކޮށް ދިނުމަށެވެ. އެހެންވެ އަވަސް ނިޔާގެ ދަށުން މައްސަލައިގެ ހުކުމް އިއްވުމަށް ތާވަލު ކުރި ދުވަހު، ކުށަށް އިންކާރުކޮށް އަދުހަމް ބުނީ ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރީ މަސްތުގައި ބެހެއްޓުމަށް ފަހު ކަމަށެވެ. އަލުން މައްސަލައިގެ އިބްތިދާއީ މަރުހަލާ ފަށައި ކުރިޔަށް ގެންދަނިކޮށް އަނެއްކާ ވެސް ކުށަށް އިއުތިރާފު ވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އަޑުއެހުމެއްގަ އެވެ.

ދެ ވަނަ ފަހަރަށް އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ކުށުގެ އަދަބު ލުއިކޮށް ދޭން އެދުމުން އެކަމަށް އިއުތިރާޒުކޮށް ދައުލަތުން ބުނީ ޝަރީއަތް ފަށާ ފަހުން ކުށަށް އިއުތިރާފް ވެގެން އަދަބު ލުއިނުކޮށްދެވޭނެ ކަމުގައެވެ. މައްސަލައިގައި މިއަދުގެ އަޑުއެހުމުގައި ވެސް އަދުހަމް ހުށަހެޅީ އޭނާ ކުށަށް އިއުތިރާފު ވެފައިވާތީ އަވަސް ނިޔާގެ ދަށުން ހުކުމް އިއްވައި އަދަބު ލުއިކޮށް ދިނުމަށެވެ.

މައްސަލަ ބައްދަލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ކުށުގެ އަދަބު ލުއިކޮށް ދެވޭނީ އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފު ވުމުން ކަމަށެވެ. ހާއްސަކޮށް މި މައްސަލައިގައި އެއް ފަހަރު ކުށަށް އިއުތިރާފު ވެ އަވަސް ނިޔާގެ އަޑުއެހުން ތާވަލު ކުރި ދުވަހު ދައުވާއަށް އިންކާރު ކުރުމަށް ފަހު އަނެއްކާވެސް އޭގެ އަހަރެއް ފަހުން ގާސިމް މާރާލިކަމަށް އިއުތިރާފު ވެގެން އަދަބު ލުއިކޮށް ނުދެވޭނެކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

އަދުހަމް ބުނާ ގޮތުގައި އޭނާ ގާސިމަށް ހަމަލާ ދީ މަރާލީ އެއްވެސް ގަސްތަކާއި ނުލަ އެވެ. އަދުހަމް ގާސިމަށް ހަމަލާ ދިނީ ގަސްތުގައި ކަން ސާބިތު ކުރުމަށް ދައުލަތުން ހެކިން ހުށަހަޅާފައިވާތީ ޝަރީއަތުން ހެކި ބަސް ނެގުމަށް ނިންމި އެވެ. މީގެ ތެރެއިން ތިން ހެއްކެއްގެ ހެކި ބަސް ނެގިއިރު އެއީ ހާދިސާ ހިނގައިގެން ކުށުގެ ވެއްޓަށް ހާޒިރު ވި ފުލުހުންގެ ފޮރިންސިކް އޮފިސަރާއި، ގާސިމްގެ ހަށިގަނޑު ބެލި ފުލުހުންގެ އޮފިސަރެވެ. ތިން ވަނަ ހެކިވެރިޔާ މީޑިއާގެ ހާޒިރުގައި ހެކި ބަސް ދޭން ބޭނުމެއް ނުވި އެވެ.

އިތުރު ހެކިން ވެސް ތިބުމާއި އެކު، އެ މަރުހަލާ ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލެއް ގާޒީ އެކުލަވާލެއްވި އެވެ. އެއީ އަންނަ މަހުގެ 05 ވަނަ ދުވަހުގެ 11:00 ގައި ބާއްވާ އަޑުއެހުމަކާއި، 05 ވަނަ ދުވަހުގެ މެންދުރު 14:00 ގައި އަޑުއެހުމެއް އަދި 13 ވަނަ ދުވަހުގެ ހެނދުނު 10:00 އާއި އޭގެ ޖެހުގެން އަންނަ ދުވަހުގެ ހެނދުނުގެ 11:00 އަށެވެ.

އަދުހަމް ގާސިމްއަށް ހަމަލާ ދީފައިވަނީ ފޭރުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ތަހުގީގަށް ކިޔާދީފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި، ދިރިއުޅުމުގެ އެހެން ޒަރޫރީ ބޭނުންތަކަށް ވައްކަންކޮށްގެން ނުވަތަ މަގުމަތިން ދާ ބައެއްގެ އަތުން ފޭރިގެން އުޅުނު މީހެއްކަމަށް ފުލުހުން ކިޔާދީފައިވެއެވެ. އަދި އެކަން އޭނާ ޝަރީއަތުގައި ވެސް ކިޔާދިނެވެ.

އަދުހަމް ބުނީ، ގާސިމަށް ހަމަލާ ދިން ރޭ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވީ ނަމަވެސް، އެއީ ގަސްތު މަރެއް ނޫންކަމަށް އަދުހަމް ބުންޏެވެ. އަދުހަމް ބުނީ، ގާސިމަށް ހަމަލާ ދެވުނީ ފޭރެން މަސައްކަތް ކުރުމުން އޭނާ އެހީއަށް އެދި ހަޅޭއްލަވައި ހިފެހެއްޓުމުން ސަލާމާތް ވާން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ.

ނޫސްވެރިންގެ ވެސް ހާޒިރުގައި އަދުހުމަ ބުނީ އެރޭ ގާސިމަށް ހަމަލާ ދެވުމުން، އެ ސަރަހައްދު ދޫކޮށް ދާން މަސައްކަތް ކުރި ކަމަށާއި އަދި އޭނާ ދުވެފައި ދަނިކޮށް ޖީބުގައި އޮތް ވަޅި ވެއްޓުނު ކަމަށެވެ. ބޯކޮށް ވާރޭ ވެހި މަގުމަތީ ހެދިފައި އޮތް ފެންގަނޑަކުން އަތާއި މޫނު ދޮވެ ރައްޓެއްސެއްގެ ގެއަށް ގަމީހެއް ހޯދައި ދެން މާލެ އައިސް ދިޔައީ ގެއަށްކަމަށް އަދުހަމް ކިޔައިދިނެވެ. އަދި އެ ހާދިސާއަށް ފަހު ފިލަން މަސައްކަތް ނުކުރާ ކަމަށާއި، އެއީ ފުލުހުންނަށް އޭނާ އަތުވާނެކަން އެނގޭތީ ކަމަށް އަދުހަމް ބުންޏެވެ.

އަދުހަމް ގާސިމްއަށް ހަމަލާ ދީފައިވަނީ ފޭރުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ތަހުގީގަށް ކިޔާދީފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި، ދިރިއުޅުމުގެ އެހެން ޒަރޫރީ ބޭނުންތަކަށް ވައްކަންކޮށްގެން ނުވަތަ މަގުމަތިން ދާ ބައެއްގެ އަތުން ފޭރިގެން އުޅުނު މީހެއްކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. އަދި އެކަން އޭނާ ޝަރީއަތުގައި ވެސް ކިޔާދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: