ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީޑާޝިޕުން ޖަލްސާއެއް ނުބޭއްވި، ބައެއް މެމްބަރުން ސަރުކާރާއި ހަވާލުވާން ވެސް ލަދުގަނޭ: ޝިފާއު

ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި އެމްޑީޕީ އޮވެމެ ބޮޑު ޖަލްސާތައް ބާއްވައި ގުޅުން ބަދަހި ކުރެވިފައި ނުވާއިރު، މި ތިން އަހަރުގެ ތެރޭގައި ޕާޓީން ބޭއްވި ޖަލްސާއަކުން އެންމެ ގިނަ އަދަދެއްގެ މެމްބަރުން ނިކުތީ ޗެއާޕާސަނަކަށް ވާދަކުރައްވާ ޮއިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕެއިން ލޯންޗިން ޖަލްސާއަށްކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

މޭއި 14 ބައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެންމެ ބޮޑަށް ބަހުސް ކުރުމުގައި ބޭނުންކޮށް އޮޅެނީ ޕާޓީ އިސްލާހު ކުރާ ވާހަކައާއި ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރު ކުރުމަށް ޕާޓީގެ އެތެރެއިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ތުހުމަތުތަކެވެ. އަދި އެމްޑީޕީގެ އުސޫލުތަކާއި ހިލާފުވެ، ޕާޓީ ދަނީ މުޅިން އެހެން މަގަކުންކަމަށް ބުނެ ބަސްތައް ދަނީ ބަދަލު ކުރަމުންނެވެ.

އެމްޑީޕީގެ އިންތިހާބުގައި ޗެއާޕާސަނަކަށް ދެން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

“ސަންގުޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ، އެމްޑީޕީގެ އެތެރެއާއި ބޭރުގެ ހަމަޖެހުމަށް އެކުގައި ތިބެ މަޝްވަރާތަކެއް ކުރުން މުހިންމު ކަމަށެވެ. 2023 ކާމިޔާބު ކުރުމަށް ޕާޓީން މަސައްކަތްތައް ކުރަމުން ދާއިރު މިފަދަ ދެބަސްވުމުގެ ސަބަބުން އިންތިހާބު ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ޝިފާއު ވިދާޅުވި އެވެ.

އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމާއި، އަމާޒު ކުރަމުން ދާ ތަފާތު އެކި ފާޑުކިއުންތަކުގެ ސަބަބަބުން ޕާޓީ އެކީ ހަލާކުވެގެން ދާދިއުމަށް އިޝާރާތް ކުރުމުން ޝިފާއު ވިދާޅުވީ އެމްޑީޕީގެ ނައިބު ރައީސެއް ހޮވުމަށް ބޭއްވި އިންތިހާބުގައި ވެސް ހަމަ މިފަދަ ވާދަވެރިކަމެއް އުފެދުނު ކަމަށެވެ. ނަމަވެސް އޭރު އެއޮތް ދެބަސްވުންތަކުގެ މަތީން މިއަދު މީޑިއާއެއް ވެސް އަދި އާއްމު މެމްބަރެއް ވެސް ހަނދާނެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭރު އެ ވާދަވެރިކަމުގެ ތެރެއިން ވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިދިކޮޅަށް ގޮވުމާއި އަސްލު އެމްޑީޕީއެއްގެ ވާހަކަ ނުވަތަ ސަރުކާރުން ފޯރުވާ ނުފޫޒެއްގެ ވާހަކަ ދެކެވިފައި ނުވާކަމަށް ފާހަގަކުރުމުން ޝިފާއު ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި އެމްޑީޕީގެ އެތެރޭގައި ސަރުކާރާއި ހަވާލުވާން ލަދު ގަންނަ ބަޔަކު އެބަތިބި ކަމަށެވެ.

މިފަދަ ބޭފުޅުން ސަރުކާރު ނުހިނގާކަމަށް ދެއްކުމަށް މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށް ޝިފާއު ވިދާޅުވީ ފާއިތުވެދިޔަ ޕާޓީގެ 16 އަހަރުގެ ތެރެއިން މިދިޔަ ތިން އަހަރު އެމްޑީޕީ ހިންގަން ތިބި ބޭފުޅުންނަށް އެކަން ނުކުރެވުނު ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގައި ޖަގަހަތައް ނުހިނގާއިރު، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ދެން އެދިޔަ ހަތް އަހަރުގެ ތެރޭގައި އެމްޑީޕީން ބޭއްވިފަދަ އެއްވުމެއް ނުވަތަ ޖަލްސާއެއް ވެސް ބޭއްވިފައި ނުވާކަމަށެވެ. އާއްމު މެމްބަރުންނާއި ޕާޓީތަކުގެ ދެމެދު އޮތް ގުޅުން ހީނަރުވީ އެ ސަބަބާއި ހުރެކަމަށް ޝިފާއު ވިދާޅުވި އެވެ.

“އެމްޑީޕީ ވެރިކަމުގައި އޮވެމެ އެމްޑީޕީ ހިންގާލަން ޖެހޭ މިންވަރަކަށް ނުހިނގާ މިދިޔަ ތިން އަހަރުގެ ތެރޭގައި އެއް… އެއީ ކަންނޭނގެ މިއަދު އެމްޑީޕީގެ އާއްމު މެމްބަރުން މި ފާހަގަ ކުރާކަމަކީ… ވަރަށް ގިނަ މެމްބަރުންގެ ކަންބޮޑުވުމެއް އެބައޮތް ޕާޓީއެއް ނުހިނގާ… ޕާޓީގެ އާއްމު މެމްބަރުންގެ އިހުސާސްތައް ދެނެނުގަނެވޭ… ޕާޓީގެ އާއްމު މެމަބަރުންގެ ކަންބޮޑުވުންތައް ސަރުކާރާއި ހަމައަށް ގެނެސް ނުދެވޭ” ޝިފާއު

ޝިފާއު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕަށް ޕާޓީ ނުހިންގުމުގެ ނަތީޖާ އަކީ އާއްމު މެމްބަރުން ޕަޓީ ދެކެ ފޫހިވާން ފެށުން ކަމަށެވެ. ޕާޓީ ރަނގަޅަށް ހިންގާލެވޭނެ ބޭފުޅަކު ޗެއާޕާސަނަކަށް ގެނަން ޖެހެނީ އެ ސަބަބާއި ހުރެކަމާއި، ފައްޔާޒަށް އެ މަސައްކަތް ކުރެވޭނެކަން އެތައް ބަޔަކު ގަބޫލު ކުރާނެކަމަށް ޝިފާއު ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުގައި ޝިފާއު ނެންގެވީ ކޮވިޑުގެ ތެރޭގައި ރާއްޖެ ހޭދަކުރަން ޖެހުނު ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށާއި ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުމަށް ފައްޔާޒް ކުރެއްވި މަސައްކަތެވެ. އަދި ވަޒީފާ ގެއްލުނު ފަރާތްތަކަށް އެލަވެންސެއް ދޫކޮށް އެފަދަ އެތައް މަސައްކަތްތަކެއް ކުރިއިރު ޕާޓީގެ ހިންގުން މާ ރަނގަޅަށް ވެސް ކުރިޔަށް ގެންދެވޭނެ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ގިނަ މަސްއޫލިއްޔަތުތަކަކާއި އެކު ވަޒީރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ޕާޓީގެ އިސް މަގާމެއް އަދާ ނުކުރެވޭނެކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކައިގެ ރައްދަށް ޝިފާއު ވިދާޅުވީ އެއީ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް ކަމަށެވެ. ޒިންމާތަކެއް އޮވެ، އިތުރު ޒިންމާއަކާއި ހަވާލުވުމަކީ ކޮންމެވެސް އެއް ދިމާލަކުން ދޫ ދީފާނެކަމަށް ދެކުން ނޫންކަމަށް ޝިފާއު ފާހަގަ ކުރެވި އެވެ. އެ އުސޫލުން ބަލާނަމަ މަޖިލީހުގައި ގިނަ މަސައްކަތަކެއް ކުރައްވާ، ކޮމިޓީތަކުގެ މުގައްރިރުކަން ވެސް ކުރައްވަމުން ޕާޓީގެ މަގާމެއް އަދާ ކުރެވިދާނެ ތޯ ޝިފާއު ސުވާލު އުފެއްދެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިންތިއަކީ، ޖުޑިޝަރީ ކޮމިޓީގެ މުގައްރިރެވެ. އަދި މަޖިލީހުގެ ބައެއް މުހިންމު ކޮމިޓީތަކުގައި މަސައްކަތް ކުރައްވަ އެވެ.

ޕާޓީ ނުހިނގާކަމާއި، ޖަލްސާތައް ނުބާއްވާ ވާހަކަތައް އިންތިހާބާއި ހަމައިން އައި ސަބަބަކީ ކޮބައިތޯ އާއި މީގެ ކުރިން ޕާޓީ ނުހިނގާ ވާހަކަ ނުދެއްކެވީ ކީއްވެގެން ތޯ ސުވާލު ކުރުމުން ޝިފާއު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އެކި ބައްދަލުވުންތަކުގައި އެ ވާހަކަތައް ދެކެވުނު ކަމަށެވެ. ޖަލްސާތައް ބޭއްވުމަށާއި، ރަށްތަކަށް ދަތުރު ކުރުމަށް އެދުނު ނަމަވެސް ލީޑާޝިޕްއިން އެކަމަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތް ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޖަލްސާއެއް ނުބާއްވާ، ސަރުކާރަށް ފާޑުކިޔަނީ ކީއްވެތޯ ސުވާލު ކުރުމުން ޝިފާއު ވިދާޅުވީ އެއީ ބައެއް ބޭފުޅުން ސަރުކާރާއި ހަވާލުވާން ލަދުގަންނާތީ ކަމަށެވެ. ސަރުކާރުން ކިތަންމެ ރަނގަޅު މަސައްކަތެއް ކުރިޔަސް ބައެއް މެމްބަރުން އެކަން ޕްރޮމޯޓު ކުރަން ބޭނުން ނުވާކަމަށް ޝިފާއު ވިދާޅުވި އެވެ.

މިދިޔަ ތިން އަހަރުގެ ތެރޭގައި ޕާޓީން ބޭއްވި ބޮޑު ޖަލްސާއަކީ ކައުންސިލް އިންތިހާބާއި ދިމާކޮށް ކެނޑިޑޭޓުން އިފްތިތާހު ކުރުމަށް ބޭއްވި “ރަށްވެހި ފަތިސް” ޖަލްސާ އެވެ. ނަމަވެސް އެ ޖަލްސާގައި އާއްމު މެމްބަރުން ބައިވެރި ނުވާކަން މީޑިއާތަކުން ފާހަގަ ކުރުމުން، ޕާޓީން އެކަމުގެ ދިފާއުގައި ވާހަކަ ދެއްކެވި އެވެ.

މިކަމަށް އިޝާރާތްކޮށް ޝިފާއު ވިދާޅުވީ އެންމެ ފަހުން ބޭއްވި ބޮޑު ޖަލްސާއަކީ ށ. މިލަންދޫގައި ބޭއްވި ފައްޔާޒާއި ރޮޒެއިނާ އާދަމްގެ ކެމްޕެއިން ލޯންޗިން ޖަލްސާ ކަމަށެވެ. އެ ޖަލްސާގައި މި ތިން އަހަރުގެ ތެރޭގައި ވެސް، ބައްދަލުވުމެއް އަދި ޖަލްސާއެއްގައި ބައިވެރި ނުވާ މިންވަރަށް އާއްމުން ނިކުތްކަމަށް ޝިފާއު ވިދާޅުވި އެވެ.

މީގެއިތުރުން ޝިފާއު ވަނީ އެމްޑީޕީގެ ބައެއް މެމްބަރުން މީޑިއާތަކާއި ގުޅުން ނުބާއްވާކަމަށް ވެސް ވިދާޅުވެފަ އެވެ. ޓީވީ މީޑިއާތަކުން ދައުވަތުތައް އައި ނަމަވެސް ސަރުކާރުގެ ވާހަކަތައް ދެއްކުމަށާއި، ޕްރޮޖެކްޓުތަކުގެ ވާހަކަތައް ދައްކަން ގިނަ މެމްބަރުން ނުދާކަމަށް ޝިފާއު ވިދާޅުވި އެވެ. އެ ބޭފުޅުން ދައުވަތުތައް އަންނަ މީޑިއާތަކަށް ގޮސް، ޓީވީ ޕްރޮގްރާމުތަކުގައި ސަރުކާރު ޕްރޮމޯޓު ކުރާނަމަ މި ސަރުކާރުގެ ޕާފޯމަންސް ރައްޔިތުންނަށް ކިޔައިދެވުނީސްކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: