ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުވާ ނުކޮށް ދޫކޮށްލި ފާތިހާއި، އަދުހަމް ފޯނުން ގުޅައިގެން އިން މީހަކާއި މެދު ނަޝީދުގެ ސުވާލުތަކެއް!

ދައުވާނުކޮށް ދޫކޮށްލި ފާތިހު އާއި، މައްސަލައިގައި ހުކުމެއް އައި އަދުހަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގެ މޭއި 06 ގައި އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގެ މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް ކުރި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހަށް ދައުވާނުކޮށް ދޫކޮށްލި ސަބަބާއި މެދު އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައިފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރައީސް ނަޝީދަށް ފާރަލައި، އެމަނިކުފާނުގެ އެކި މައުލޫމާތުތަކެއް ހޯދައި ދިން މި ހަމަލާއަކީ އިންޓެލިޖެންސްގެ ބޮޑު ފެއިލިއާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ. ސެކިއުރިޓީ ބްރީޗްވެ މި ހަމަލާ ދިނުމުގެ ކުރިން ވެސް 2019 އިން ފެށިގެން އެކި ފަހަރު މަތީން އެމަނިކުފާނަށް ހަމަލަ ދިނުމަށް މަސައްކަތް ކުރިކަން ފުލުހުން ހިއްސާ ކުރި މައުލޫމާތުތަކުން އެނގެ އެވެ.

ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ހަމަލާ ދިނުމުގައި ބައިވެރިވީ ނަމަވެސް ރައީސް ނަޝީދާއި އަރިސް މެމްބަރުން ގަބޫލު ކުރާ ގޮތުގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ފަންޑު ކުރި ބަޔަކާއި، އަދި އެމަނިކުފާނު ގެއިން ނިކުންނަވާ ވަގުތާއި ޒާތީ ދިރިއުޅުމުގެ އެހެން މައުލޫމާތުތައް ދޭނެ އިސް މީހެއް ހުންނާނެ އެވެ.

އެތެރޭގެ އިންތިހާބާއި އެކު މި މައުޟޫއު ވެސް ފެންމަތިވެ، ރޭ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގްރޫޕުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނު ސީދާ އަވަހާރަކޮށްލުމަށް ދިން ހަމަލާ ފޮރުވުމުގައި ސަރުކާރަށް އެހީތެރިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށެވެ. ރައްދުގައި ސާބިތު ނިހިފޭ ދޮގު މައުލޫމާތު މީހުންގެ ބޮލުގައި ނޭޅުވުމަށް އަނދުން ހުސެއިން ގޮވާލުމުން، ރައީސް ނަޝީދު ވިދާޅުވީ މިއީ ކަނޑައެޅިގެން އެނގި ހުރެ ދައްކަވާ ވާހަކަތަކެއްކަމަށާއި އަނިޔާވެރިވުމަށް ވެސް ވަކި ހައްދެއް އޮންނަން ވާނެ ކަމަށެވެ.

ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވެނީ، އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު އެ ލޭ އަނދުން ހުސެއިންގެ އަތުގައި ހުންނާނެ ކަމަށެވެ. އަދި މާތް ރަސްކަލާންގެ ގަންދީ ހުވާ ކުރައްވައި، ވިދާޅުވީ ތަހުގީގު އޮއްބާލުމަށް ކުރާ މަސައްކަތުގައި އަނދުން ހުސެއިންގެ ބައިވެރިވުން އެބައޮތް ކަމަށެވެ. އަދި ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް މާލޭގައި ހިނގައި، މުޖާޒް އަދުހަމް ކައިރިޔަށް ގެންދިޔައީ ފާތިހުކަމަށް ފުލުހުން ބުންޏެވެ.

ފާތިހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމައި ދޫކޮށްލުމުން ނޫސްވެރިން ސުވާލު އުފެއްދި އެވެ. އެކަމަށް ޕީޖީ ޝަމީމް ވިދާޅުވީ ތަހުގީގު އަދި ކުރިޔަށްކަމަށާއި، މިހާރު ހުރި ހެކިތަކަށް ބަލާއިރު ދައުވާ ކުރެވެން ނެތީ ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް ތަނުގައި ސުވާލެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަރުހަލާ ކުރިޔަށް ގެންދާނެކަމަށް ވިދާޅުވި އެވެ.

ދެން މައްސަލައިގައި އެންމެ ބޮޑެތި ސުވާލުތައް އުފެދިފައި ވަނީ، ހއ. މޮޅަދޫ އަބްދުﷲ އަލިމަނިކަށް އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުންތަކުގައި ހައްޔަރުކޮށް އިއްވި 10 އަހަރުގެ ހުކުމް އެއްކޮށް ތަންފީޒުކޮށް ނުނިމެނީސް މި ދައުރުގައި އޭނާއަށް މައާފު ދީ މިނިވަން ކުރުމެވެ. އަލި މަނިކު ހައްޔަރުކޮށްފައި ވަނީ ދީނީ ނުވަތަ ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމައްޓަކައި މާލެ ސަރަހައްދުގައި ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބާއްވާ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރަމުންދާ ކަމުގެ ތުހުމަތުގަ އެވެ. އިތުރު ހަމަލާއެއް ދީފާނެކަމުގެ ތުހުމަތާއި އެކު ހައްޔަރު ކުރި އަލިމަނިކަކީ ޖަލުގައި ހޭދަ ކުރި ދުވަސްތަކުގައި 04 ފަހަރެއްގެ މަތީން ފިލި މީހެކެވެ.

ހަމަލާގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކޮށް، އަލިމަނިކު ހައްޔަރު ކުރި ނަމަވެސް ޝަރީއަތުގައި އޭނާ ދިފާއެއްގެ ގޮތުގައި ބުނީ ނުރައްކާތެރި މީހެއްގެ ގޮތުގައި ތުހުމަތު ކުރާނަމަ މިނިވަންކޮށް ދޫކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެން ކަމުން ދައުވާތަކުގައި އެއްވެސް އަސްލެއް ނެތްކަމަށް ބުންޏެވެ.

މީގެއިތުރުން ބޮން ގޮއްވާލުމުގެ ވަގުތުކޮޅެއް ކުރީން އަދުހަމް އަތަމާ ޕެލެސް ތެރޭ ހުރެ ފޯނުން ވާހަކަ ދައްކާ މީހަކީ ކާކުތޯ ސުވާލު އުފައްދައި އާއްމުންގެ ފަރާތަކުން ކުރި ޓްވީޓެއް ރައީސް ނަޝީދު ވަނީ ރީ ޓުވީޓު ކުރައްވާފަ އެވެ. ފުލުހުން އާއްމު ކުރި ސީސީޓީވީ ފުޓޭޖު ފެންނަ ގޮތުން ބޮން ގޮއްވާލަން ބޭނުން ކުރި ރިމޯޓު ނަގައި އައިއީޑީ ގޮއްވާލަން އަދުހަމް ތައްޔާރު ވަނީ ފޯނުން މީހަކާއި ވާހަކަ ދައްކާތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި ރައީސް ނަޝީދުގެ މޫވްމަންޓުތަކާއި ބެހޭ މައުލޫމާތުތައް ލީކު ކުރީ އެތެރެއިންނެވެ. އަދި އެ ކޯލަކީ އެފަދަ މީހެއްގެ ކޯލެއްކަމަށް ތުހުމަތު ކުރެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގާއި، މައްސަލައިގެ ޝަރީއަތްތައް 2022 ފެށުމުގެ ކުރިން ނިންމާލާނެކަމަށް ބެލެވުނު ނަމަވެސް މާބޮޑެތި ކުރިއެރުންތަކެއް ނުލިބެ އެވެ. އަދި ދައުވާ އުފުލި 10 މީހުންގެ ތެރެއިން ހުކުމެއް އައި ހަމައެކަނި މީހަކީ އަދުހަމް އަހުމަދު ރަޝީދެވެ. އޭނެ މައްސަލަ މިހާ އަވަހަށް ނިންމާލެވުނީ އޭނާ ކުށަށް އިއުތިރާފުވެ ދައުލަތާއި އެކު އިއުތިރާފު އެއްބަސްވުމެއް އެކުލަވާލުމުންނެވެ. އަދުހަމްގެ މައްޗަށް މައްސަލައިގައި އިއްވީ 23 އަހަރުގެ ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: