ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަޕޯ، ރައީސް ނަޝީދަށް: އަތުގައި ލޭ ހުންނާނެ އޭ ބުނެ، ވާހަކަ ދެއްކުމުގެ ހައްގެއް ނޯންނާނެ!

ރައީސް މުހައްމަދު ނަޝީދާއި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގެ ތަހުގީގު ރަނގަޅު ގޮތުގައި ކުރިޔަށް ދަނިކޮށް، އެމްޑީޕީގެ ވަކި ބޭފުޅަކީ ތަހުގީގު އޮއްބާލަން މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ބުނެ އަތުގައި ލޭ ހުރިކަމަށް ނުގޮވޭނެކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިޒަމްގެ ހަމަލާގެ ތަހުގީގުތައް އަދިވެސް ކުރިޔަށް ދާއިރު މައްސަލަ ކުރިޔަށް ދާގޮތާއި މެދު އެމަނިކުފާނުގެ ފަރާތުން ދަނީ ސުވާލުތައް އުފައްދަމުންނެވެ. އެގޮތުން ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް ދައުވާ ނުކޮށް ދޫކޮށްލި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހާއި އ. މޮޅަދޫ އަބްދުﷲ އަލިމަނިކު ޖަލު ހުކުމެއްގައި ހުއްޓައި ބަންދުން ދޫވި ގޮތުގެ އިތުރުން އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ހުކުމް އިއްވި ވ. ތިނަދޫ ހިޔާ، އަދުހަމް އަހްމަދު ރަޝީދު ބޮން ގޮއްވާލުވުމުގެ ކުޑަވަގުތުކޮޅެއް ކުރިން ފޯނުން ގުޅައިގެން އިން މީހަކީ ކާކުތޯ ދަނީ ސުވާލު ކުރަމުންނެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ވަޓްއަސްޕް ގްރޫޕުގައި ކުރެވުނު ޒުވާބެއްގެ ތެރެއިން ރައީސް ނަޝީދު ވަނީ ހަމަލާގެ ތަހުގީގު އޮއްބާލުމުގައި ސަރުކާރަށް ވާގަވެރިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށެވެ. ސާބިތު ނުހިފޭ ކަންކަމުގައި މީހުންގެ ބޮލުގައި އެފަަދަ ތުހުމަތުތައް ނޭޅުމަށް އަނދުން ހުސެއިން އެދުމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ލޭ އަނދުން ހުސެއިންގެ އަތުގައި ހުންނާނެ ކަމަށެވެ.

މީޑިއާތަކުގައި ވެސް ދެކެވުނު މި މައުޟޫއަށް ސުވާލު ކުރުމުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޣަފޫރު ވިދާޅުވީ ވައްކަން ނުކުރަން ގޮވާލާ މީހާގެ ފަތިފުށް މާ ހަޑިވާނެ ކަމަށެވެ. ވަކި ބަޔަކު ތިބީ އިންސާފާއި ހަމަހަމަކަމަށް އެދިއެދިކަމަށް ބުނެ އެ ދައްކާ މަންޒަރުގައި އެއްވެސް ހަގީގަތެއް ނެތްކަން ފާހަގަކޮށް ޣަފޫރު ވިދާޅުވީ، ސިޔާސީ މަގްސަދުގައި ޒާތީވާން އެފަދަ ވާހަކަތައް އެންމެން ވެސް ދައްކަވާނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ ސަރުކާރުން މަސައްކަތް ކުރަނީ އިންސާވެރިކަމާއި އެކީކަމަށް އޭނާ ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ އިދިކޮޅުން ވެސް އެމްޑީޕީއަށް އަމާޒު ނުކުރާ ބަސްތަކާއި، އަދި ނުކުރާ ތުހުމަތުތައް ސީދާ އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ދިމާވާ ކަމަށެވެ. އެހެން ކަމުން އިންތިހާބު ނިންމައި ވެސް އެއް ގަލަކަށް އެރިދާނެކަމަށް ބުނެވިދާނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މޭއި ހައެއްގެ ހަމަލާ އާއި ގުޅުވައި ރައީސް ނަޝީދު އެމްޑީޕީގެ އެހެން މެމބަރުންގެ މައްޗަށް ކުރި ތުހުމަތުތަކަށް ޣަފޫރު ވިދާޅުވީ 241 ކޮމިޓީގެ އިންކުއަރީ ކުރިޔަށް ގެންދިޔައިރު ވެސް ރައީސް ނަޝީދާއި އަރިސް މެމްބަރުން އެ ކޮމިޓީގައި ހިމެނުނުކަމަށެވެ.

އެހެން މީހެއްގެ ލޭ އަތުގައި ހުރިކަމަށް ބުނެ ތުހުމަތުތައް ކުރަންވީ އިންތިހާބެއް ބޯމަތިވުމުންތޯ ސުވާލު އުފައްދައި ޣަފޫރު ވިދާޅުވީ އެފަދަ އެއްވެސް ތުހުމަތުތަކެއް ނުކުރެވޭނެ ކަމަށާއި، އެފަދައިން ވާހަކަ ވެސް ނުދެއްކޭނެ ކަމަށެވެ.

ސަރުކާރު ހިންގުމުގައި ގޯހެއް ވާނަމަ އެއީ އާއްމުކޮށް އެހެން މީހުންނަށް ފެންނަހެން ދައްކަން ޖެހޭ ވާހަކަތަކެއް ނޫންކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވީ މައްސަލަ ހައްލު ކުރަންޖެހޭނީ އެކީތިބެ ވާހަކަ ދައްކައިގެން ކަމަށެވެ. އޭގެ ބަދަލުގައި ޒާތީވެ، ޖިނާއީ ބޮޑެތި ކުށްތަކެއްގެ ތުހުމަތުތައް ބޮލުގައި އެޅުވުމުގެ ހައްގެއް އެއްވެސް ބޭފުޅަކަށް ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

“މިއީ ކޮންމެހެން ސަރުކާރު ގޯސްވެގެންނެއް ނޫން.. ވަކި ބޭނުމެއްގެ ވަކި މަގްސަދެއް ހާސިލު ކުރުމަށްޓަކައި ދައްކާ ވާހަކަތެއް” ޣަފޫރު

ޣަފޫރު ވިދާޅުވީ އެމްޑީޕީގެ އެތެރެއިން ބަޔަކު 2023 ގެއްލުވާލަން މަސައްކަތް ކުރާކަން ކަށަވަރު ކުރެވޭކަމަށާއި، ވަކި މީހަކަށް އަންނަ ރިޔާސީ އިންތިހާބު ނުލިބިދާނެހެން ހީވުމަކީ އެއީ އެމްޑީޕީގެ ސަރުކާރު ބަދުނާމު ކުރަންޖެހޭ ސަބަބެއް ނޫންކަމަށް ޣަފޫރު ވިދާޅުވި އެވެ.

“އެއްވެސް ބަޔަކާއި ދޭތެރޭ ވަގު ބަދަނާމަށް ގޮވާ، އަތުގައި ލޭ ހުރިކަމަށް ގޮވާ… އަނެއް ވާހަކައަށް ގޮވާ.. އެއްވެސް ހައްގެއް ނޯންނާނެ.. ހައްގެއް ނޯންނާނެ… އެހެންނެއް ނުގޮވޭނެ.. އެވަރުގެ މީހެއް ނުހުންނާނެ… އެއީ ބުލީ ކުރުން… އޭގެއިން ކުރެވޭނެ ކަމެއް ނޯންނާނެ… އޭގައިން ނިކުންނާނެ ނަތީޖާއެއް ވެސް ނޯންނާނެ” ޣަފޫރު

އެމްޑީޕީގެ މެމްބަރުންގެ މެދުގައި އުފެދިފައިވާ މައްސަލައާއި އެކު މަޖިލީހުގައި މެމްބަރު ވާހަކަ ދައްކަވަމުން ގެންދަވާ ވަގުތު ނިޒާމީ ނުކުތާއެއް ނަންގަވައި އެއީ ކިތަށް މުޒާހަރާތަކަށް ދިޔަ މެމްބަރެއްތޯ ސުވާލު ކުރި މައްސަލައާއި، ބައެއް މެމްބަރުން މަޖިލީހަށް ހޮވިފައިތިބީ ރައީސް ނަޝީދާއި އެކު ނަގާފައި ހުރި ފޮޓޯ ވިއްކައިގެންކަމަށް ބުނެ ދައްކާ ވާހަކައިގެ ރައްދުގައި ޣަފޫރު ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުން އެއީ ޕާޓީގެ ލީޑާޝިޕުގެ ފަރުދީ ޒިންމާއެއް ކަމަށެވެ.

ޕާޓީގެ އިސް މީހެއްގެ ހައިސިއްޔަތުން މެމްބަރަށް ކެމްޕެއިން ކުރެއްވުމުގައި ހަރަކާތްތެރިވުމަކީ އެއީ “ކަލަ ގޮވަން ޖެހޭ” ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

“ޕާޓީ ހިންގަން ހުންނަ މީހެއްގެ ހައިސިއްޔަތުން ކޮށްދޭން ޖެހޭ ކަންކަން ކުރަން ޖެހޭނެ… އެ ނިޔަތުގައި ކުރިކަމަކަށް، ކަލައެއް ނުގޮވޭނެ… އެއީ ބަލައިގަނެވޭނެ ކަމެއް ނޫން.. ކޮބައިތޯ އެބޭފުޅުންނަށް ޕާޓީންކޮށްދިން ކަންކަން” ޣަފޫރު

އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލު ކުރަނީ މިއީ ތަބަކަށްލައި ދިން ވެރިކަމެއްގެ ގޮތުގައިކަން ފާހަގަކުރުމުން ޣަފޫރު ވިދާޅުވީ އެއީ އެއްވެސް ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. ރައީސް ސޯލިހަކީ ވެސް އެމްޑީޕީއަށް ގިނަ ގުރުބާނީތަކެއް ވި ބޭފުޅެއްކަމަށާއި، މިއަދު ގަބޫލު ކުރަން ދަތިވިޔަސް ނުވަތަ ބަލައިގަންނަން އުނދަގޫ ވިޔަސް ވެރިކަމުގައި އެ ހުންނެވީ ރައީސް ސޯލިހުކަމަށް ޣަފޫރު ވިދާޅުވި އެވެ.

“މިއަދު ދެން ގަބޫލު ކުރަން އުނދަގޫ ވިޔަސް ވެރިކަމުގައި އެހުރީ އިބްރާހިމް މުހައްމަދު ސޯލިހު.. އެއީ މިއަދުގެ ހަގީގަތަކީ” ޣަފޫރު

ޣަފޫރު ވިދާޅުވީ މެމްބަރުން މަޖިލީހަށް އަންނަނީ ވެސް ކުރާ މަސައްކަތުން ކަމަށެވެ. އަދި ވަކި މީހަކު ކުރި މަސައްކަތެއްގެ ސަބަބުން މުޅި އުމުރަށް އެމީހެއްގެ ފަހަތުގައި ހުންނަން ނުޖެހޭނެކަމަށް ޣަފޫރު ވިދާޅުވި އެވެ.

ރައްޔިތުންގެ ގާތަށް ނިކުމެ، ތިމަންނާއަކީ އެމްޑީޕީގެ ގޮތުގައި ލޭބަލް ކުރިޔަސް ރައްޔިތުންނަށް އެއީ ކާކުކަން އެނގޭނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ. ޕާޓީއަށް ކުރި މަސައްކަތާއި، ހުރިހާކަމެއް އެނގޭނެކަން ފާހަގަކޮށް ޣަފޫރު ވިދާޅުވީ އެއްވެސް މީހަކު ބުރަކަށީގައި ނަން ޖަހައި އެންމެ މަސައްކަތް ކުރި މީހާގެ ގޮތުގައި އުޅެން ނުޖެހޭ ކަމަށެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: