ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިތަންމެ ނުރުހުނަސް އަދާލަތު ޕާޓީން ހިމާޔަތްކޮށް، ދިފާއު ކުރަނީ މަގާމު!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުދު ކުލައިގެ ގަމީހާއި، ޓައި ތުރު ކުރައްވައިގެން ކަޅު ކުލައިގެ ކާރެއްގައި މިނިސްޓަރެއްގެ ލަގަބަކާއި އެކު ދަތުރު ކުރައްވަފާނެކަމަށް މިއީ އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ދުވަހަކު ލިބިދާނެކަމަށް ހިތަށް އެރި ޝަރަފެއް ނޫންކަން ޔަގީނެވެ. ސިޔާސީ ބޭފުޅުން ވެރިކަމަށް ގެނައުމަށާއި، އެ ވެރިކަމެއް ވައްޓާލަން މަގުތަކުގައި އުޅުއްވި އިމްރާނަކީ މިއަދު ޝަރަފުވެރިކަމާއި އެކު އުޅުއްވަމުން ގެންދަވާ މި ގައުމުގެ ހޯމް މިނިސްޓަރެވެ.

ޖަލުގައި ދުވަސްތަކެއް ހޭދަ ކުރައްވަން ޖެހިވަޑައިގަތުމުން، މުސައްލަ މަތީގައި އެކުގައި ތިއްބެވި ބޭފުޅުންނާއި އެކު ސެލްފީ ނެންގެވުމާއި އީދު ދުވަހު ފެންކުޅި ކުޅުއްވި އިމްރާނަށް މިއަދު މަގާމެއް ލިބުމުން އާސްމާނުގައި ހުންނެވި ނަމަވެސް އިމްރާންގެ މިޒާޖާއި، ބަސްމަގު ގެންގުޅުއްވި ގޮތް ދިވެހި ރައްޔިތުން ހަނދާނުގައި ހުންނާނެ އެވެ.

ރާއްޖޭގައި ދީން ހިމާޔަތްކޮށް، ދީން ރައްކާތެރި ކުރުމަށް އެންމެ ހަރު އަޑުން ވާހަކަ ދެއްކެވި އިމްރާނަކީ “ލާދީނީ” ޓެގާއި، “ހުޅަނގުގެ އޭޖެންޓެއް” ކަމަށް އެކި ބޭފުޅުންގެ ބޮލުގައި އެންމެ ބޮޑަށް އަޅުވައި ވާހަކަ ދެއްކެވި ބޭފުޅާ އެވެ.

މަޝްހޫރު މޭޑޭ މުޒާހަރާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވައި އިމްރާން ނުދައްކަވާކަށް ވާހަކައެއް ނެތެވެ. ނަމަވެސް އޭގެ ކުރިން 2013 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، “ޖުމްހޫރީ ގުޅުން” ގެ ނަމުގައި މަސައްކަތް ކުރަމުން އައި ކޯލިޝުގެ ޖަލްސާއެއްގައި އިމްރާން ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމް ދީނުގެ އަދުއްވެއްކަމަށާއި، އެމަނިކުފާނަށް ތާއީދު ކުރާނީ ވެސް އިސްލާމްދީނުގެ އަދުއްވުން ކަމަށެވެ. އެއީ ދިވެހި ގައުމިއްޔާތާއި ދެކޮޅު ބައެއްގެ ގޮތުގައި ސިފަ ކުރައްވައި އިމްރާން ވިދާޅުވީ، އެފަދަ މީހުންގެ މަގްސަދަކަށް ވާނީ ގައުމުގެ މިނިވަންކަން ނަގައިލުންކަމަށެވެ.

އިމްރާން ވިދާޅުވީ ރައީސް ނަޝީދަކީ، ދިވެހިރާއްޖެއިން އިސްލާމް ދީން ފޮހެލައި ގައުމީ މިނިވަންކަން ފޮހެލުމަށް ހުޅަނގުގެ ގައުމުތަކުން ތައްޔާރުކޮށް ފޮނުވާފައިވާ އެޖެންޓެއް ކަމަށެވެ. އަދި ރައީސް ނަޝީދާއި، އެމްޑީޕީ ހިންގަނީ ހުޚަނގުގެ ގައުމުތަކުގެ ބުދު ފަޅިއްތަކުގެ ފަނޑު ފައިސާއިންކަމަށް ތުހުމަތުކޮށް ވިދާޅުވީ ރައީސް ނަޝީދަށް ކަމެއް ވާ ދުވަހަކުން އެކަމާއި މެދު އެންމެ ހިތާމަ ކުރާނީ ފާދިރީން ފަދަ އިސްލާމް ދީނާއި ދެކޮޅު ވިސްނުން ގެންގުޅޭ މީހުން ކަމަށެވެ.

އިމްރާން ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައުމަށް ބޭނުން ވަނީ ރާއްޖޭގައި އެހެން ދީންތަކަށް ހުޅުވާލުމުގެ ފުރުސަތު ހޯދުމަށް ކަމަށެވެ. އަދި އިސްލާމީ އުސޫލުތައް އުވާލައި، ގާނޫނު އަސާސީގެ ދަށުން ކުށްވެރިންނަށް ދޭ އަދަބުތައް ބަދަލުކޮށް އުވާލުމަށް މަސައްކަތް ކުރާނީ ރައީސް ނަޝީދު އިސްވެ ހުންނަވައިކަމަށް ވިދާޅުވި އެވެ.

އިސްލާމް ދީން ހަތިޔާރަކަށް ހައްދަވައި، އިމްރާން ހަމައެކަނި ފާޑުވިދާޅުވީ ރައީސް ނަޝީދާއި އެމްޑީޕީއަށް އެކަންޏެއް ނޫނެވެ. 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ މޭޑޭ މުޒާހަރާގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ހާދިސާގެ ޒިންމާ ނަންގަވަން ޖެހޭނީ ނުވަތަ އެކަމުގެ ފަހަތުގައި ވަނީ ރައީސް ޔާމީންކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދެއްކެވި އެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ބައެއް ކަރުދާސްތަކެއް އެއް ކުރައްވައި މުޒާހަރާގެ ބައިވެރިންނާއި މުހާތަބުކޮށް ވިދާޅުވީ އޭނާގެ އަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކި އެބަހުރި ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ ނޫނަސް، 2013 – 2015 ގެ ދެމެދުގައި ހިނގައި ދިޔަ މާރާމާރީތަކާއި ގޮތް ނޭނގޭ އެތައް މަރެއްގެ މައުލޫމާތު ހިމެނޭ “ކިތާބީ ހެކި” އޭނާ އަތުގައި އެބަހުރިކަމަށް ބުނެ އިމްރާން ދެއްކެވި ވާހަކަތައް އެއީ އޭރާއި މިހާރު ވެސް މަޝްހޫރު ވާހަކަ އެކެވެ.

ފަސް ނަގައި ކޮންނަން ޖެހޭނެތީ، ނުވަތަ ތިމާގެ ސޯޓު ބޭލިދާނެތީ އިމްރާން އެ ވާހަކަ ދެއްކުމަށް ކިތަންމެ ބޭނުން ނުވިޔަސް ހަގީގަތަކީ އެ ދުވަހު އިމްރާން ދެއްކެވި ކޮންމެ ވާހަކަ އަކީ ދީން ހަތިތާރަކަށް ހައްދަވައި ދެއްކެވި ވާހަކަތައް ކަމެވެ. އެއީ ރައީސް ނަޝީދާއި އެމްޑީޕީއަށް ނުވަތަ ރައީސް ޔާމީނާއި ދެކޮޅަށް ދެއްކެވި ވާހަކައަކަސް އޭގެ ފަހަތުގައި ފުރިގެން ވަނީ އަމިއްލަ އެދުމެވެ. މަޝްހޫރުކަމާއި، ތިމާއަކީ އެ ދުވަވަސް ވަރުގެ މައުޟޫއަކަށް ވުމެވެ. ގަބޫލު ކުރެވުނަސް، ނުކުރެވުނަސް ނުވަތަ ކިތަންމެ ނުރުހުނަސް ހަގީގަތަކީ އެއީ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާއި ގުޅުވައި، އެމަނިކުފާނުގެ ނަން ބޭނުންކޮށް ދެއްކެވި ވާހަކަތަކަށް ކިރިޔާ ވެސް ލަދެއް ހުރިހަމަ މައާފަށް ވެސް އެދޭނެ އެވެ. ޑރ. އަފްރާޝީމްގެ މަރުގެ ހަގީގަތް ފޮރުވުމަށް މާލޭގައި އެތައް ޒުވާނުންތަކެއް މަރާލާފައިވާކަމަށާއި، އޭގެ ފަހަތުގައި ވަނީ ރައީސް ޔާމީންކަމަށް ބުނެ އިމްރާން ވާހަކަ ދެއްކެވީ ލަދުހަޔާތުގެ އެއްވެސް ކަންފުޅެއް ވެސް ނެތި އެވެ.

އިމްރާންގެ މާޒީން އެއީ ސިޔާސީ ކިހާ އެދުންވެރި ބޭފުޅެއްކަން ސާފުވާނެ އެވެ. އިމްރާނަށް އިހުސާސް ނުވީ ނަމަވެސް، އެ ދުވަހު އެތައް އާއިލާއެއްގެ އިހުސާސާއި ކުޅެފައި ވެއެވެ. އެތައް ބައެއްގެ އަބުރަށް އަރައިގަނެ، ހަޑި ހުތުރު ބަސްތައް ބޭނުން ކުރެއްވި އެވެ.

ދެން އޮތީ އަދާލަތު ޕާޓީގެ ވާހަކަ އެވެ. މި ވާހަކަތަށް މިހާ ތަފްސީލުކޮށް ބޭނުން ވަނީ ކުއްލިއަކަށް ދިއްލޭ ބޮއްކެއް އިމްރާން މާ މާތްވެލުމަށް ފަހު ކުރައްވާ ޓްވީޓުތަކެއްގެ ސަބަބުންނެވެ. ޕާޓީ އުފެދިގެން މިހާތަނަށް އައިއިރު ހިހޫތަނުން ކައިގެން އުޅުނު އަދާލަތު ޕާޓީގެ ލީޑަރުކަން ކުރައްވާ އިމްރާން މިދިޔަ ފަސް ދުވަހުގެ ތެރޭގައި ހަތަރު ޓްވީޓެއް ކުރައްވައި ވާހަކަތަކެއް ދައްކަވައިފި އެވެ.

ފުރަތަމަ ޓްވީޓުގައި ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދީ ދިވެހިތާއްޖޭގައި ފަނޑުވަމުން ދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށެވެ. އަދި އެ އުސޫލުތައް ދެމެހެއްޓުމުގައި ދެމި އޮންނާނެ ކަމަށް ވިދާޅުވި އެވެ. ގޮޓަބަޔާ ރާޖަޕަކްސައެއްގެ ފަހަތުން މީޑިއއާތައް އަވަދިނެތި އޮތުމާއި އެކު މާބޮޑު ސަމާލުކަމެއް ނުލިބުނު އެ ޓުވީޓާއި ގުޅުވައި ކުރި ދެވަނަ ޓްވީޓުގައި ދެން ވިދާޅުވީ އަދާލަތު ޕާޓީއަށް ވުރެ ބޮޑަށް އިސްލާމް ދީނުގެ ދިފާއުގައި މަސައްކަޔް ކުރި “ސިޔާސީ ޕާޓީއެއް” އަދި “ޖަމާއަތެއް” ވެސް ރާއްޖޭގައި ނެތް ކަމަށެވެ. މިއީ ބަޔަކަށް ގަބޫލު ނުކުރެވުނަސް ހަގީގަތްކަމަށާއި 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތާރީހުން އެކަން ދަލީލުކޮށްދޭކަމަށް އިމްރާން ވިދާޅުވި އެވެ.

މިހާ ހިސާބުން އާއްމުންނާއި، އެމްޑީޕީގެ ބައެއް މެމްބަރުން ކެކި އެރި އެވެ. އޭގެ ރައްދުގައި ޖެހިގެން އައި ދުވަހު އަނެއްކާވެސް ޓްވީޓެއް ކުރައްވައި ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ނުރުހުނަސް، އަދާލަތު ޕާޓީ އޮތީ ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި އިސްލާޟް ދީނުގެ މަހްފޫމުގައި ސިޔާސީ ޕާޓީތަކުން ކުރިޔަށް ދާނެކަމަށް ވިދާޅުވި އެވެ.

އެ ނިމުނީއެއް ނޫނެވެ. އިއްޔެ ކުރި ޓްވީޓުގައި ވިދާޅުވީ ކިތަންމެ މަދު ބަޔަކު ތާއީދު ކުރި ނަމަވެސް “ހައްގު ވާނީ” ހައްގަށް ކަމަށެވެ. އަދި މުޅި ރާއްޖޭގެ އެންމެން އެއްކޮށް ތާއީދު ކުރި ނަމަވެސް ބާތިލު ވާނީ ބާތިލަށްކަމަށް ވިދާޅުވި އެވެ.

އެބުނާ އެމްޑީޕީގެ ސަރުކާރުން އުފެދިގެން އައިސް މިއަދާއި ހަމައަށް އައިއިރު، ދީން ހިމާޔަތް ކުރުމަށް އިމްރާން ކުރެއްވި މަސައްކަތެއް ނެތެވެ. ދީނީ އިލްމުވެރިންތަކެއް ހައްޔަރުކޮށް ބަންދުގައި ބޭތިއްބުމާއި، އަދި މާތްﷲ ނަހީ ކުރައްވާފައިވާ ފާހިޝް އަމަލުތައް އާއްމުވެގެން ދާއިރު ވެސް އަދާލަތުން ކުރާ ކަމެއް ފެންނަން ނެތެވެ. ދީނަށް ހަޖޫ ޖަހައި، އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ އެތައް ކަމެއް ހުއްދަ ކުރުމަށް ގޮވަލައި ރިޕޯޓުތައް އާއްމުކޮށް އެ ލިޔުނު މީހުން އާއްމުންގެ ތެރޭގައި އުޅެމުން ދާއިރު އަދާލަތު ކަންބޮޑުވިތަން ނުފެނެ އެވެ. ދީނަށް ފުރައްސާ ކުރާ މީހާ މުޖްތަމައުގެ ތެރެއަށް ދޫކޮށް، އެފަދަ މީހުން ހައްޔަރު ކުރަން ގޮވާލާ މީހާއަށް ވާނުވާ ޖަހާއިރު އަދާލަތު ފެންނާކަށް ނެތެވެ.

މިއީ އަދާލަތާއި އިމްރާން އަބަދުވެސް މަސައްކަތް ކުރައްވާ ގޮތެވެ. ރާއްޖޭގައި ދިވެހިން ގަދަރުކޮށް އިހުތިރާމް ކުރާ އިލްމުވެރިން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވުމުގައި ގިނަ ފަހަރަށް އަވަދިނެތި އުޅުއްވަނީ ވެސް އަދާލަތު ޕާޓީގެ އިލްމުވެރިންނެވެ. ކިތަންމެ ނުރުހުނަސް މިއީ ވެސް ހަގީގަތެކެވެ.

އަދާލަތު ޕާޓީ އުފެއްދި މަގްސަދާއި، އުފެދިގެން އައި ގޮތާއި މެދު އެއްވެސް ދެކޮޅު ހެދުމެއް ނެތެވެ. ރާއްޖޭގެ ފުންނާބު އުސް، ދިވެހިންގެ ގަދަރު ލިބިފައިވާ ދީނީ އިލްމުވެރިންތަކެއް އިސްވެ ތިއްބަވައި އުފެއްދި އަދާލަތު ޕާޓީގެ އެންމެ ބޮޑު މަގްސަދަކީ އިސްލާމް ދީން ކުރިއަރުވައި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވުމެވެ. އެއާއި އެއްގޮތަށް ޕާޓީގެ އެންމެ ކުރީގެ އަހަރުތަކުގައި މަސައްކަތްކޮށް ދީނީ ދަރުސްތައް ދިނުމާއި، ދަރުސްތަކުގެ ވީޑިއޯތައް ރައްޔިތުންނަށް ފޯރުކޮށް ދީ، ދީނީ ސުވާލުތަކާއި ޖަވާބު ޕްރޮގްރާމުތައް ކުރިޔަށް ގެންދިޔަ އެވެ. ހާއްސަކޮށް ރާއްޖޭގެ ރަށްތަކުގައި މި ޕްރޮގްރާމުތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވުނެވެ. ނަމަވެސް ޕާޓީގެ މިސްރާބު ބަދަލުވާން ފެށީ، 30 އަހަރުގެ ވެރިކަމެއް ބަދަލު ކުރުމަށްކަމަށް ބުނެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެކޮޅަށް ފަތުވާތައް ނެރެން ފެށި ހިސާބުންނެވެ.

އަދާލަތު ޕާޓީން ސިޔާސީވެ، އެ ޕާޓީގެ ބައިވެރިވުމާއި އެކު ރައީސް މައުމޫނަށް އަމާޒުކޮށް ނެރުނު ބަޔާނެއްގައި ވަނީ އެމަނިކުފާނަކީ ސުންނަތުގެ ޖަމާއަތުގެ މުސްލިމެއް ނޫންކަމަށެވެ.

އަދާލަތު ޕާޓީން އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ކުރަމުން އައި މަސައްކަތަކީ އެއީ އެވެ. ވަކި މީހަކީ މުސްލިމެއް ނޫންކަމަށާއި، އެއީ ލާދީނީ މީހެއްކަމަށް ބުނެ ޓެގު އަޅުވައި ނިންމާލުމެވެ. ވެރިކަމެއް ގެނައުމަށް ދީނީ ކާޑު ކުޅުމެވެ. އަދި ދީނީ ކާޑު ކުޅެގެން ވެރިކަމެއް ވެސް ވައްޓާލަން މަސައްކަތް ކުރަނީ ހަމަ އަދާލަތު ޕާޓީންނެވެ.

އިމްރާން މިއަދު ފުލުފުލުގައި ޓްވީޓު ކުރެއްވުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ޔާމީން ރަޝީދާއި، ރިޟްވާން އަބްދުﷲ އަދި ޑރ. އަފްރާޝީމްގެ އާއިލާގެ ކިބައިން މައާފަށް އެދުމެވެ. އެއަށް ފަހު ލާދީނީގެ ޓެގު އެމްޑީޕީގެ ބޮލިގައި އެޅުވުމަށް ފަހު، އެއް އެނދެއްގައި ތިބެން އޯކޭވި ސަބަބު ސާފުކޮށްދިނުން މާ ރަނގަޅެވެ.

އިމްރާނަށް ކުރެވެން އޮތްކަމަކީ އެކެއްގެ ކަރުގައި އެލިގަނެގެން ތިބެ ވަޒީރުކަން ހޯދުމާއި ވެއްޓެން ކައިރިވާހެން ހީވުމުން ގޮސް އަނެކާގެ ކަރުގައި އެލިގަތުން އެކަންޏެވެ.

ވަރަށް ގަދަ
89%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ޔަމީން ރަޝީދާއި ރިލްވާނަކީ އިސްލާމްދިނަށާއި ﷲ އާއި އެކަލާންގެ ރަސޫލާއަށް ނިސްބަތް ކޮށް ހަޑިހުތުރު އެއްޗެހި ގޮވާ ދިވެހި އިސްލާމީ އުންމަތުގެ މުސްލިމުންގެމެދުގައި ފަސާދަ އުފައްދާފައިވާ ބޮޑު ދެ ކާފަރުންކަމާއި މެދަކު ޝައްކު ކުރާނެ ދިވެއްސެއް ހުންނާނެހެނެއް ހިޔެއްނުވެއެވެ. ވީމާ ޝަރުއީ ހަމަތަޖުގެމަތިން އެމީހުންނަށް ހައްގު އަދަބު ލިބެން ޖެހެއެވެ.

  2. މަޝްހޫރު މޭޑޭ މުޒާހަރާ މި ޕެރެގްރާފް ފެށުމުގަ އޮތް ވާހަކަ ރަގަޅެއް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: