ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް: އީވައިސީގެ ޔައުމިއްޔާއާއި މެދު ދައުލަތުން ތަކުރާރުކޮށް އެއް ސުވާލެއް!

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމުގައި، ސައީދު ހެކި ބަސް ދެއްވަނީ/ ފޮޓޯ: ޝަރީއަތުގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމުގައި ދިފާއުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ކުރެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތަކުގެ ތެރެއިން މިހާރު ކުރިޔަށް ދަނީ ދިފާއުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. މީގެ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ކުރިން ބޭއްވި އަޑުއެހުމުގައި ދިފާއުން ހުށަހެޅި އިތުރު ބައެއް ހެކިންގެ ހެކި ބަސް ވެސް ނެގި އެވެ. އެއީ އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ޔޫސުފް ނައީމްގެ ގެއަށް ގެންދިޔަކަމަށް ބުނާ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝާއި، އެ ފައިސާތައް އޭނާއާއި އެކު އެގެއަށް ގެންދިޔަ އަބްދުﷲ ގެ އެވެ. އަދި ޑޮލަރުގެ މުއާމަލާތް ޔޫސުފް ނައީމް މެދުވެރިކޮށް ހަމަޖެއްސި މަޖިލީހުގެ ކުރީގެ މެމްބަރު އާއި، އެ މުއާމަލާތް ހިނގިކަން އެނގޭ އައްޑޫ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު ޝާހިދުގެ ހެކި ބަސް ނަގާފައި ވެއެވެ.

އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ހެކި ބަސް ނަގާފައި ވަނީ އެމަނިކުފާނު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެމްބަރުގެ އެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ލީޑާޝިޕްގައި ވެސް ހިމެނިވަޑައިގަންނަވާ ސައީދުގެ ހެކި ބަހުގައި ވިދާޅުވީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އޭނާ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް، (އީވައިސީ) ގައި ވެސް މަސައްކަތް ކުރެއްވި ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި ކައުންސިލުގައި އޭނާގެ އިތުރުން ހިމެނިވަޑައިގަންވަނީ ޓޫރިޒަމް މިނިސްޓަރާއި، ފިޝަރީޒް މިނިސްޓަރު އަދި ޔޫތް މިނިސްޓަރުގެ އިތުރުން ފިނޭންސް މިނިސްޓަރެވެ. ކައުންސިލްގެ ޗެއާއެއްގެ ގޮތުގައި ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެމަނިކުފާނު ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ކައުންސިލަށް ވުޒާރާތަކުން ވަކި ކަމެއް ހުށަހަޅާއިރު، އެކަމެއްގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ފޯމެޓެއް ހިމެނޭކަމަށް ސައީދު ވިދާޅުވި އެވެ. އަދި ކައުންސިލުގެ ބައްދަލުވުންތަކާއި ބެހޭ ތަފްސީލީ ޔައުމިއްޔާތައް ތައްޔާރު ކުރާއިރު އެ ލިޔުންތަކުގައި މަޝްވަރާގައި ބައިވެރިވި ވަޒީރުން ސޮައި ކުރައްވާނެކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެ ނިންމުމެއް ތަންފީޒު ކުރެވޭނީ، ރައީސުލްޖުމްހޫރިއްޔާ އެންޑޯޒް ކުރެއްވުމުން ކަމަށެވެ. އަދި އީވައިސީގެ ނިންމުންތައް ރައީސަށް ގެންދެވުމާއި، ޔައުމިއްޔާގައި ސޮއި ކުރުން އަދި އެޖެންޑާގައި ހިމެނޭ ކަންކަން އެ ވުޒާރާއެއްގެ މެއިލްއަށް ފޮނުވަނީ ކައުންސިލްގެ ސެކެޓްރިއޭޓުން ކަމަށެވެ. އެހެންކަމުން އީވައިސީގެ ނިންމުމެއް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އެކަމަަކަށް އެންޑޯޒް ނުކުރައްވާހާ ހިނދެއްގައި އެއީ އަމަލު ކުރެވޭނެ ނިންމުމެއް ނޫންކަމަށް ސައީދު ވިދާޅުވި އެވެ.

ދައުލަތުން ވަނީ ޔައުމިއްޔާ ހުންނަން ޖެހެނީ ވަކި ގޮތަކަށް ތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ސައީދު ވިދާޅުވީ ޔައުމިއްޔާއެއް ސައްހަވުމުގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހޭ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުން ބައްދަލުވުމުގައި ބައިވެރިވި ކޮންމެ ވަޒީރަކު ވެސް ލިޔެކިއުންތަކުގައި ސޮއި ކުރުމާއި ބައެއް އެހެނިހެން ކަންކަމެވެ. އޭނާ ވިދާޅުވީ ވަޒީރުން ބައިވެރިވި އެއްވެސް ބައްދަލުވުމެއްގައި ސޮއިނުކޮށް ނޯންނާނެ ކަމަށެވެ. އެހެން ނޫނީ އޭގެ އެއްވެސް ސައްހަކަމެއް ނެތްކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުން ވަނީ އީވައިސީގެ ބައްދަލުވުމެއްގެ ޔައުމިއްޔާއެއް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެވެ. އެ ބެއްލެވުމަށް ފަހު ސައީދު ތަކުރާރުކޮށް ވިދާޅުވީ އެއީ ސައްހަ ޔައުމިއްޔާއެއް ނޫން ކަމަށާއި، އޭގައި ބައިވެރިވި ވަޒީރުންގެ ސޮއި ނެތް ކަމަށެވެ. ދައުލަތުން ވަނީ ސޮއި ކުރަން ޔައުމިއްޔާތައް ގެންނަކަން ސައީދު ކަަށަވަރު ކުރައްވަންތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ސައީދު ވިދާޅުވީ ބައްދަލުވުމަށް ފަހު ޖެހިގެން އަންނަ ދުވަހު ވިޔަސް ސެކެޓްރޭޓުން ޔައުމިއްޔާގައި ސޮއި ކުރުމަށް ގެންނަ ކަމަށެވެ.

ދައުލަތުން ހިތްހަމަޖެހޭ ޖަވާބެއް ނުލިބޭތީ، ތަކުރާރުކޮށް ސުވާލު ކުރީ ސައީދު އެއްވެސް ބައްދަލުވުމެއްގެ ޔައުމިއްޔާތަަކުގެ ތަފްސީލު ބަލަހައްޓާތޯ އެވެ. ސައީދު ވެސް ޖަވާބު ދެއްވީ، ސޮއި ނުކުރާ އެއްވެސް ޔައުމިއްޔާއެއް ނޯންނާނެ ކަމަށެވެ. އެކަމަށް ދިފާއުން އިއުތިރާޒުކޮށް ވަނީ ދައުލަތުން މަސައްކަތް ކުރަނީ ވަކި ޖަވާބެއް ހޯދަންކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ދައުލަތުން ވިދާޅުވީ، ހެކިވެރިޔާއަށް ސުވާލު ރަނގަޅަށް ފަހުމު ނުވާތީ ތަކުރާރުކޮށް ސުވާލުކޮށް ސާފުކޮށްދެން މަސައްކަތް ކުރަނީކަމަށެވެ. ދައުލަތުން އެދުނީ ދައުލަތުގެ ސުވާލަށް ޖަވާބުދޭން ސައީދަށް ރިޔާސަތުން އެންގެވުމަށެވެ. ނަމަވެސް ގާޒީ ޝަކީލް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ވަކިގޮތަކަށް ވާހަކަ ދެއްކުމަށް ހެކިވެރިއާއަށް ޝަރީއަތުން ނޭންގޭނެ ކަމަށެވެ.

ދައުލަތް: ހެކިވެރިޔާ އީވައިސީގެ ބައްދަލުވުންތަކުގައި ބައިވެރިވިކަން އެނގޭނެ ގޮތަކަށް ހެކިވެރިޔާ އެކަންކަމާއި ގުޅިގެން ނޯޓު ކުރައްވައިގެން ތޯ އުޅުއްވަނީ
ސައީދު: އަޅުގަނޑު ބައިވެރިވި ކޮންމެ ޖަލްސާއެއްގެ، އަޅުގަނޑުގެ ސޮއި އޮންނަން ވާނެ.. އެހިސާބުން އެނގޭނެ އަޅުގަނޑު ބައިވެރިވިކަން
ދައުލަތް: ސޮއި ކުރުމަށް ހެކިވެރިޔާ ވިދާޅުވެއްޖެ ފޮނުވަނީ ސެކްރެޓޭރިއަޓުންކަމަށް.. ހެކިވެރިޔާ ބައިވެރިވި ބައްދަލުވުންތަކުގައި ހެކިވެރިޔާ ބައިވެރިވިކަން ނުވަތަ ނޫންކަން ހެކިވެރިޔާ ކަށަވަރު ކުރައްވަން ތޯ އޭ.. ބައިވެރިވި ހުރިހާ ބައްދަލުވުމެއްގެ ޔައުމިއްޔާ ފޮނުވާކަން
ސައީދު: އަޅުގަނޑު ހަމަ އިޝީނދެގެން ބަހައްޓާފައި ޔައުމިއްޔާގެ ފަހު ގަނޑުގައި ސޮއި ކުރުވާނެ.. އެއީ އަތުން ނައްޓައިގެން ދާނެ ވަރުގެ ކަމެއް ނޫން..
ދައުލަތް: ހެކިވެރިޔާ.. ދައުލަތުގެ ސުވާލަކީ ހެކިވެރިޔާ ބައްދަލަވަން ތޯ އޭ އީވައިސީގެ ނިންމެވުންތައް.. ސެކްރެޓޭރިއަޓުގެ ކުދިންގެ މަސައްކަތް ރަނގަޅުތޯ ނުވަތަ ނޫންތޯ އެއް ނޫން..

މައްސަލައިގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދޫކުރުމާއި ބެހޭ އެއްވެސް މަޝްވަރާތަކެއް ކައުންސިލުގައި ކުރިޔަށް ދިޔަތޯ ސުވާލު ކުރުމުން، ޖަވާބުގައި ސައީދު ވިދާޅުވީ އޭނާގެ ހަނދާނުގައި އެފަދަކަމެއް ނެތް ކަމަށެވެ. އާއްމު ގޮތެއްގައި އީވައިސީގައި ހުށަހަޅައި މަޝްވަރާ ކުރަނީ އިގްތިސާދާއި، މާލީ ކަންކަން އަދި ޒުވާނުންނާއި ގުޅުން ހުރި ބޮޑެތި މައްސަލަތަކެއްކަަމަށް އޭނާ ވިދާޅުވި އެވެ. ސައީދު ވިދާޅުވީ ފަޅު ރަށްތަކާއި، އެ ރަށްތަށް ބަދަލު ކުރުމާއި ބެހޭ މައްސަލަތައް އެއީ އާއްމުކޮށް ކައުންސިލަށް ހުށަހެޅޭ މައްސަލަތަކެއް ނޫން ކަމަށެވެ.

ދައުލަތުން ތަކުރާރުކޮށް، އެކިގޮތްގޮތަށް ކުރި ސުވާލަކީ، އީވައިސީއަށް ހުށަހެޅޭ މައްސަލަތުގެ ބައްދަލުވުންތަކުގތެ ތަފްސީލު ސައީދު އަމިއްލަފުޅަށް ބަލަހައްޓަވާތޯ އެވެ. އަދި އެކަން ދިފާއުން އިއުތިރާޒު ކުރުމުން ދައުލަތުން ވިދާޅުވީ މިއީ ދާއިރާގެ ބޭރުން ކުރާ ސުވާލުތަކެއް ނޫންކަމަށާއި، ދައުލަތުން ގަބޫލު ކުރަނީ އެ ސުވާލުތައް ކުރެވޭނެ ކަމަށެވެ.

ބައްދަލުވުންތަކުގެ ޔައުމިއްޔާގައި ސޮއި ކުރުމުގެ ކުރިން، އެއްވެސް ގޮތަކަށް އެ ލިޔުންތައް ލިބޭތޯ ވެސް ދައުލަތުން ސުވާލު ކުރި އެވެ. ޖަވާބުގައި ސައީދު ވިދާޅުވީ މިއީ ހަފްތާއަކު އެއް ދުވަހު އޮންނަ ބައްދަލުވުންތަކެއް ކަމަށެވެ. އަދި ކުރާ މަޝްވަރާއެއް އޭގެ ޖެހިގެން އަންނަ ދުވަހު ގެނައުމަކީ އަމަލު ކުރަން ޖެހޭ އުސޫލުކަން ފާހަގަ ކުރެއްވި އެވެ. އަދި އެ ދުވަހަކަށް ޔައުމިއްޔާ ނިންމާ ނުލެވުނު ނަމަ އޭގެ ޖެހިގެން އަންނަ ދުވަހު ވެސް ގެންނަކަމަށާއި މާލެއިން ބޭރުގައި ހުންނެވި ނަމަ އެނބުރި ވަޑައިގަތުމާއި އެކު ޔައުމިއްޔާގައި ސޮއި ކުރަން އަންނަ ކަމަށެވެ. އެހާ ޔަގީންކަމާއި އެކު ސޮއި ނުކުރާ ޔައުމިއްޔާއެއް ނޯންނާނެކަން ބުނަން އެނގެނީ އޭގެ ސަބަބުންކަމަށް ސައީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: