ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނާއި ގުޅިދާނަން ތޯ ކުރި ސުވާލަށް ނަޝީދު ދެއްކީ 2018 ގައި މައުމޫނާއި އެކު ކުރި މަސައްކަތް!

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ އެތެރޭގައި ބާއްވާ ޕްރައިމެރީގައި ނާކާމިޔާބުވެއްޖެ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކޮށް އިިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެއެކު މަސައްކަތް ކުރައްވަފާނެ ހާލަތެއް އައިސްދާނެތޯ ކުރި ސުވާލަށް ”2018 ގައި ރައީސް މައުމޫނާއި އެކު ކުރި މަސައްކަތުން“ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިސާލު ދައްކަވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެމެދު މައްސަލަތައް ޖެހި، އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގައި ރައީސް ޔާމީނާއި އެކު މަސައްކަތް ކުރެވިދާނެކަމުގެ އިޝާރާތެއް ރައީސް ނަޝީދު ކުރައްވާފައި ވެއެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ބައެއް ސިޔާސީ ހަރަކާތްތަކާއި ދެކޮޅު ނަމަވެސް އެކަންތައް އިސްލާހުކޮށްގެން ދެ ޕާޓީއަށް އެއްބަސްވެވޭ އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުން އެއީ ރާއްޖެއާއި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތްކަމަށް އެމަނިކުފާނު އޭރު ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނު ދެއްކެވި ވާހަކަތަކަށް ރައީސް ޔާމީން ވެސް ރައްދު ދެއްވައި ވިދާޅުވީ، އެމްޑީޕީއާއި އެކު ކުރާނެ އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ. ރައީސް ނަޝީދު އެމަނިކުފާނުގެ ވާހަކަތައް ދިފާއުކޮށް، ރައީސް ޔާމީނާއި އެކު މަސައްކަތް ކުރަން ޖެހޭ ސަބަބު ސާފުކޮށްދޭން މަސަައްކަތް ކުރުމުން ރައީސް ސޯލިހަށް ތާއީދުކުރާ މެމްބަރުން ނިކުމެ އެކަމަށް ފާޅުގައި ދެކޮޅު ހެދި އެވެ. އަދި އިދިކޮޅުން ވެސް ރައީސް ނަޝީދަށް ވަރަށް ބޮޑެތި ފާޑުކިއުން އެ މައްސަލައިގައި އަމާޒު ކުރި އެވެ.

ސިޔާސީ ގޮތުން ކިތަންމެ ބޮޑެތި ހިޔާލުތަފާތުވުންތައް ހުއްޓަސް، ރައީސް ޔާމީނާއި ރައީސް ނަޝީދާއި ދެމެދު ހިޔާލު އެއްގޮތްވާ ހަމައެކަނި ހިސާބަކީ ވެރިކަމުގެ ނިޒާމެވެ. ނަމަވެސް ރައީސް ޔާމީން ގަބޫލު ކުރައްވާ ގޮތުގައި، ރާއްޖޭގެ މަސްރަހަށް ބަރުލަމާނީ ގެނައުމަކީ ރަނގަޅު ވިސްނުމަކަށް ނުވެދާނެ އެވެ. ރައީސް ނަޝީދުގެ ވިސްނުމުގައި ގާނޫނު އަސާސީ ތަންފީޒު ނުކުރެވޭ، އަދި ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ނުދެވެނީ މަސްހުނިވެފައިވާ ނިޒާމެއް ރާއްޖޭގައި އޮތުމެވެ. އެހެންވެ، އެ ހުރިހާ މައްސަލައެއްގެ ހައްލަކީ ރައީސް ނަޝީދު ވިދާޅުވާ ގޮތުން ބަރުލަމާނީ ނިޒާމެވެ.

އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް ހާމަކަން ބޮޑުގޮތަކަށް މިހާރު ފެންނަން އެބައޮތެވެ. އަދި ދެ ފެކްޝަނުގެ ކޯޅުންތައް ބޮޑުވެ، ބޮޑެތި ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި، ރައީސް ޔާމީނާއި އެކު މަސައްކަތް ކުރައްވަފާނަން ތޯ، އާސްކް ސްޕީކާ ޕްރޮގްރާމުގައި ސުވާލު ކުރުމުން ރައީސް ނަޝީދު އެކަމަށް ސީދާ ޖަވާބެއް ނުދެއްވި އެވެ. ރައީސް ޔާމީނާއި އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެކަމަށް ސީދާ ވިދާޅުނުވެ، އެމަނިކުފާނު ފާހަގަކުރެއްވީ ރަައީސް ސޯލިހްގެ މި ފަސް އަހަރުގެ ދައުރުގައި ކަންކަން ކުރައްވާފައި ހުރި ގޮތް ރައްޔިތުން މިނެ ކިރާލުމަށެވެ. އަދި އެކަން ހާއްސަ ގޮތެއްގައި މިނާނީ އެމްޑީޕީ މެންބަރުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމެރީއަށް މިވަގުތު ތައްޔާރީތައް ވަމުންދާއިރު، އާއްމުންގެ މީހަކު ކުރި ސުވަލަކީ އެ އިންތިހާބުން ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިއްޖެ ނަމަ ދެން ރައީސް ނަޝީދު އަޅުއްވާނެ ފިޔަވަޅާއި މެދު އެވެ. އިންތިހާބު ބަލައިގަންނާނީ ތޯ، ނުވަތަ އެހެން މަގެއް އިހުތިޔާރުކޮށް ރައީސް ޔާމީނާއި ގުޅިވަޑައިގެންފާނެ ހާލަތެއް އައިސްދާނެތޯ ސުވާލުގައި ވެއެވެ. އެ ސުވާލަށް ޖަވާބު ނުދީ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެންނަ ތަނުގައި ސަރުކާރަށް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދިފައި ނުވާ ކަމަށެވެ. އަދި ވައުދުތަކަކީ އެއީ ކުޑަ ރަށެއް ބޮޑު، ރަށެއް ނުބަލައި ހިދުމަތް ދިނުން ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މެނިފެސްޓޯ އެކުލަވާލައި، ވަކި މުއްދަތެއް ދީ އެ އެވަގުތުގެ ތެރޭގައި ވައުދުތައް ފުއްދާނެކަމަށް ބުނެފައިވާނެ ކަމަށެވެ. އެހެންކަމުން، ޕްރައިމެރީގައި ވާދަ ކުރާނީ ކާކާއި ތޯ ނިންމާނީ އެއަށް ފަހުކަމަށާއި އެ ނޫން ގޮތަކަށް ވާދަ ކުރާނީ ކާކާއި ތޯ ސުވާލު ކުރުން ރަނގަޅު ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޕްރޮގްރާމުގެ ހޮސްޓު އަދި، ހަސަން ޒިޔާއު އަނެއްކާވެސް ސުވާލު ކުރެއްވީ ރައީސް ޔާމީނާއި އެކު މަސައްކަތް ކުރައްވަފާނަން ތޯ އެވެ. ޖަވާބުގައި ރައީސް ނަޝީދު ފާހަގަކުރެއްވީ، 2018 ގައި އެމަނިކުފާނާއި އެންމެ ބޮޑު ރުޅިވެރިކަމެއް އޮތް ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެކު ކުރި މަސައްކަތެވެ. ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް، ކުރި މަސައްކަތުގައި ރައީސް ނަޝީދާއި އެމަނިކުފާނު ދެމެދު ވަރަށް ގިނަ ބަހުގެ ހަމަލާތަކެއް ރައްދު ކުރެވުނެވެ. އަދި ޖަލަށް ލުމާއި، ބަންދު ކުރުން ފަދަ ކަންތައް ހިނގައިދިޔަ އެވެ.

މީގެ ކުރިން ރައީސް ޔާމީނާއި އެކު މަސައްކަތް ކުރާނަމަ ކަންބޮޑުވާކަމެއްގެ ގޮތުގައި ފާހަގަކުރެއްވި، އިންޑިއާ އައުޓާއި ދެކޮޅުކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ޔާމީންގެ ސިޔާސަތުތަކުގެ ތެރެއިން، އެމަނިކުފާނު އެންމެ ކަންބޮޑުވަނީ އެ ހަރަކާތާއި މެދުކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

”އަޅުގަނޑު ދަންނަވާނީ ރައީސް މައުމޫނާއި އެކު އަޅުގަނޑުމެން މަސައްކަތް ކުރީ 2018 ގައި.. ރައީސް ޔާމީނާއި ސިޔާސަތުގެ ތެރެއިން އަޅުގަނޑު ވަރަށް ކަންބޮޑުވާ ސިޔާސަތެއް އެބައޮތް… އިންޑިއާ ދެކޮޅަށް ކުރާ މަސައްކަތް.. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެ މަސައްކަތް ހުއްޓާލެއްވުމަށް“ ރައީސް ނަޝީދު

އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި 2023 ވަނަ އަހަރުގެ އިންތިހާބަށް ނިކުންނަވާނެކަން އިއުލާނު ކުރައްވާފައިވާ ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ރައީސް ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވި އެވެ. އެމަނިކުފާނު މަސައްކަތް ކުރައްވަނީ، ބާރުތައް ޖަމާކޮށްގެންކަމުގެ ތުހުމަތުތައް ވެސް ރައީސް ނަޝީދު ކުރެއްވި އެވެ.

ސިޔާސީ ގޮތުން ދެން އިތުރަށް ދެ ބޭފުޅުނަށް މަސައްކަތް ކުރެވެން ނެތުމުން، އިދިކޮޅުގެ އެހީއަށް އެދެން ނިންމާފައިވާކަމަށް ރައީސް ނަޝީދު އެންމެ ފުރަތަމަ ވިދާޅުވީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ރައީސް ނަޝީދުގެ ހުށަހެޅުންތަކެއް އައި ނަމަވެސް، އިދިކޮޅުން އެ ވާހަކަތަކަށް ރައްދު ދެމުން ބުނީ ރައީސް ނަޝީދާއި އެއް މޭޒެއްގައި ދައްކަންޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް ހުކުމެއް ނާންނާނެ މަގެއް ހޯދުމަށް އެމްޑީޕީގެ އެއްވެސް ލީޑަރަކާއި އެކު ކުރާނެ މަސައްކަތެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ. އޭރު ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅާއި އެކު މަސައްކަތް ކުރުމަށް ގެންގުޅުއްވާ ވިސްނުމާއި މެދު މެދު އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުނަސް މައްސަލައެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ގައުމު ސަލާމަތްކުރުމަށް އެމްޑީޕީއަށް ބޭނުންވަނީ އާ ކޯލިޝަނެއް ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމްގެ ގިނަ ބައެއްގެ ވިސްނުން އެއްގޮތްވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެއީ ”އިންޑިއާ އައުޓް“ ނުގޮވާ، ނަފުރަތުގެ ބިލަށް ތާއިދު ކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއްކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: