ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމު ބަދަލު ކުރުމަށް މެނިފެސްޓޯގައި ނޯންނާނެ، އެކަމަށް އެއްބަހެއް ވެސް ނުވަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ބެހޭ އެއްވެސް އެއްބަސްވުމެއް ނެތްކަމަށާއި، އެމަނިކުފާނު ކޯލިޝަން ޕާޓީތަކާއި އެކު ކުރި މަޝްވަރާތަކަށް އެކުލަވާލި މެނިފެސްޓޯގައި އެފަދަ ވާހަކައެއް ނޯންނާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް އައުމަށް މެނިފެސްޓޯ އެކުލަވާލައި ކުރިޔަށް ގެންދިޔަ ކެމްޕެއިންތަކުގައި އިންތިގާލީ ވެރިކަމެއް އެކުލަވާލާ ވާހަކަ ދެކެވުނެވެ. އެއީ ދޮޅު އަހަރު ދުވަހަށް ފަހު، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ބެހޭ ވޯޓެއް ނަގައި ބަރުލަމާނީއަކަށް ބަދަލު ކުރުމުގެ މަސައްކަތްކަމަށް ޖަގަހަ ޖަލްސާތަކުގައި މެމްބަރުން ވިދާޅުވި އެވެ. ނަމަވެސް، ސަރުކާރު އުފެދި ދޮޅު އަހަރުވުމަށް ފަހު ވެސް ވާހަކަ ދެކެވުނު ގޮތަށް ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކުރިޔަށް ނުގެންދާތީ ރައީސް ނަޝީދު އެ ވާހަކަ ދައްކަވަން ފެށި އެވެ.

ދާދިފަހުން ގދ. ތިނަދޫގައި، ރިޔާސީ ޕްރައިމެރީގެ ކެމްޕެއިނަށް ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީީޕީ އިން 2018 ވަނަ އަހަރު ރައްޔިތުންނާއި ހަމައަށް ގެނައި މެނިފެސްޓޯގައި ވެރިކަމުގެ ނިޒާމު ބަދަލުކުރާ ވާހަކަ ހިމެނީ އެކަން ފުރިހަމަ ކުރުމަށް ކަމަށެވެ. ރައީސް ނަޝިދު ވިދާޅުވީ އެމްޑީޕީ ބިނާކުރީ ބަރުލަމާނީ ނިޒާމަށްކަމަށެވެ. އަދި އެ ދުވަހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ގާތުގައި ނިޒާމާއި ގުޅޭ ވޯޓަށް ނާޙައި، އިތުރު ވާހަކައެއް އެހުމަކީ އެހާ ބުއްދިވެރިކަމެއް ނޫންކަމަށެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ މި ޖަލްސާގައި ބަރުލަމާނީ ނިޒާމެއް ރާއްޖެ ގެނައުމުގެ މުހިންމުކަމަށް އަލިއަޅުއްވާ ވާހަކަދައްކަވާފައެވެ.

ހަ މަސް ފަހުން ރައީސް ސޯލިހު މީޑިއާތަކާއި މިއަދު ބައްދަލު ކުރުމުން ނޫސްވެރިން ވަނީ ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކާއި އެމަނިކުފާނާއި ރައީސް ނަޝީދާއި ދެމެދު ޖެހިފައިވާ މައްސަލަތަކާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. ނިޒާމު ބަދަލު ކުރުމަށް އެއްވެސް އެއްބަސްވުމެއް ވެފައި އޮންނާނެތޯ އާއި، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެކަމުގެ މަޝްވަރާތައް ދިޔަ ތޯ ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް އައުމަށް އެމަނިކުފާނު މެނިފެސްޓޯއެއް އެކުލަވާލިކަމަށެވެ. އަދި މެނިފެސްޓޯ އެކުލަވާލީ ކޯލިޝަނުގެ ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއި އެކުކަން ފާހަގަކޮށް ވިދާޅުވީ އެ މެނިފެސްޓޯގައި ނިޒާމާއި ބެހޭ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ނިޒާމުގެ ވޯޓެއް ނަގާނެކަމަށް ވައުދުވެ ވާހަކަ ދެކެވިފައި ނުވާނެކަމަށް ވިދާޅުވި އެވެ.

”އެ މެނިފެސްޓޯ ތެރޭގައި ނިޒާމީ ވޯޓެއް މި ފަސް އަހަރު ތެރޭގައި ނަގާ ވާހަކައެއް ނެތް“ ރައީސް

ނިޒާމު ބަދަލު ކުރުމަށް މެނިފެސްޓޯގައި ހިމަނާފައި ނުވާނެކަމަށް ސަރުކާރުން ބުނި ނަމަވެސް، ކެނޑިޑޭޓެއް ދައްކައި ކެމްޕެއިންތައް ފެށުމުގެ ކުރިން އާއްމު ކުރި ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ބޮޑުވަޒީރެއްގެ ގެނައުމުގެ ވާހަކަ އެބައޮތެވެ. އެއީ ގެންނަ ސަރުކާރެއްގައި ބޮޑުވަޒީރަކާއި، މަޖިލީހަށް ހޮވޭ މެމްބަރުންގެ ކެބިނެޓު ވަޒީރުން ތިބޭ ނިޒާމެއް ގާއުމު ކުރުމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ވައުދުތަކުގެ ތެރޭގައި، ނިޒާމު ބަދަލު ކުރުން ހިމަނާފައި ނެތެވެ.

މީގެއިތުރުން ކޯލިޝަން ޕާޓީތައް ހިމެނޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ސީދާ ބަރުލަމާނީ ނިޒާމުގެ ވާހަކަ ނެތް ނަމަވެސް އޮތީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.

އެމްޑީޕީގެ މެނިފެސްޓޯ އާއްމުކުރީ، އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސްގަ އެވެ. އަދި ބައްދަލުވުމުގައި، ކެމްޕެއިނަށް ހުށަހަޅާ މެނިފެސްޓޯ އާއްމު ކުރި އެވެ. ކޮންގްރެސްގައި ވާހަކަ ދެއްކެވި ބޭފުޅުން ވެސް ދޮޅު އަހަރުގެ އިންތިގާލީ ވެރިކަމެއް ގާއިމު ކުރާ ވާހަކަ ދެއްކެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: