ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދުގެ ފާޑުކިއުން ސަރުކާރަށް: ރައީސް ޔާމީން ޖަލަށް ލީ، ބްރިޖެއް އެޅުން ކުށަކަށް ވާތީ ތޯ؟

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނުހައްގުން ޖަލު ހުކުމެއް އިއްވައި، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަހަރެއް ހާ ދުވަސް ވަންދެން ޖަލުގައި ބޭއްވުމަށް ފަހު އަނެއްކާވެސް ހުކުމެއް އިއްވީ އެމަނިކުފާނުގެ ތަރައްގީތައް ފޮހެލުމުގެ ބޭނުމުގައި ތޯ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު އުފައްދައިފި އެވެ.

މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މިއީ ސިޔާސީ ނުފޫޒެއްގެ ތެރެއިން، އިއްވާފައިވާ ނުހައްގު ހުކުމެއްކަމަށް ބުނެ އިދިކޮޅުގެ ސިލްސިލާ ހަރަކާތްތައް ވަނީ ފަށާފަ އެވެ. އަދި ކޮންމެ ރެއަކު ވެސް މާލޭގެ މަގުތަކުގައި އިދިކޮޅުން އިހުތިޖާޖު ކުރާކަން ފާހަގަ ކުރެވެ އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބޭއްވި އެއްވުމެއްގައި މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންނަށް، ގައުމީ ދިދައިގެ ފެއްސާއި ރަތާއި ހުދުގެ ރަމްޒު އިހުސާސް ނުކުރެވޭ ކަމަށެވެ. ދިވެހި ގައުމު ގޮވަނީ ގައުމަށް ޣައްދާރުވާ ކޮންމެ ބަޔަކު ބަލިކުރުމަށްކަމަށާއި، ރައީސް ޔާމީނަށް އަހަރުތަކެއް ވަންދެން ދިން އަނިޔާއަށް ވަރަށް ކެތް ކުރެވިއްޖެކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީނަށް އިއްވި ނުހައްގު ހުކުމެއްގެ ތެރެއިން ޖަލުގައި 600 އަށް ވުރެ ގިނަ ދުވަސް ހޭދަ ކުރެއްވި ކަމަށެވެ. ސިޔާސީ ތުހުމަތުތަކެއްކޮށް ޖަލަށް ލާފައި ވަނީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ ފޮހެލުމަށް ތޯ ސުވާލު އުފައްދައި ސައީދު ވިދާޅުވީ އެމަނިކުފާނުގެ ކުށަކީ މާލެއާއި ހުޅުމާލެ، އަދި ހުޅުލެ ގުޅުވާލި ބްރިޖު ނުވަތަ ވަށައިގެން ފެންނަން ހުރި ތަރައްގީގެ މަޝްރޫއުތަކެއް ތޯ ޖަވާބު ދޭން ޖެހޭ ކަމަށެވެ.

”ޖަލަށް ލީމާ ކެތްކޮށްފިން.. 600 އެތައް ދުވަހެއް ވަންދެން އެ އޮންނެވީ ޖަލުގައި.. އެމަނިކުފާނުގެ ކުށަކީ މިއޮށް ބްރިޖު އެޅުންތޯ… އެމަނިކުފާނު އެޅުއްވި ތަންތަން އެހުރީ ފެންނަން.. ސަލްމާން މިސްކިތް.. އެއޮށް ބޮޑު އެއާޕޯޓު..“ ސައީދު

ސައީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް، ފަތުރުވެރިންނަށް ރަނގަޅު ހިދުމަތްތަކެއް ލިބޭނެ މަގެއް ހޯދުމަށް އެއާޕޯޓުގެ މެގަ ޕްރޮޖެކްޓެއް ގެނެސްދެއްވީ ރައީސް ޔާމީން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެއްކުރި އެއް ބިލިއަން ރުފިޔާގެ ރިޒާވް ނަހަމަގޮތުގައި ބޭނުން ކުރިކަމުގެ ތުހުމަތު ކުރައްވައި ސައީދު ވިދާޅުވީ މިއަދު އެ ވާހަކަ އެންމެ ގިނައިން ދައްކަވަނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ދައުލަތުގެ ރިޒާވް އާދައިގެ ފިހާރައެއް ނުވަތަ، ވިޔަފާރިއެއްގެ ބޭންކު އެކައުންޓުގައި ހުރި ފައިސާއަށް ވުރެ ދަށްކަމަށް ބުނާ ބުނުމަކީ ސީރިއަސް ވާހަކަތަކެއްކަން ސައީދު ފާހަގަކުރެއްވި އެވެ.

”މި ރާއްޖޭގައި ހުރި ވަކިލާރިތަކަށް ދާންދެން ހުސްކޮށްފި… ހަނޑު ހަކުރު ފުށް ގެންނަން މިއަދު ޖެހެނީ ސިއްރުން.. އެވެސް އިންޑިއާއިން.. މި ރާއްޖޭގެ މިނިވަންކަން ވިއްކައި ލޯނު ނަގައިގެން“ ސައީދު

ސައީދު ވިދާޅުވީ ރިޒާވަށް އައި ދަތިތަކާއި އެކު ސަރުކާރުން، ކާޑުގެ ބާވަތްތައް ގެންނަނީ މިހާރު އިންޑިއާއިންކަމަށާއި އޭގެ ރޭޓަކީ ކޮބައިކަން ނޭނގޭކަމަށެވެ. އޭނާ ތުހުމަތު ކުރީ އެއީ ރާއްޖޭގެ މިނިވަންކަމަށް އަޅާ ހުރަސްތަކެއްގެ ތެރެއިން، ގެންނަ ކާބޯތަކެތީގެ ބާވަތްތަކުގެ ގޮތުގައި އެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ނަން އޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށާއި، އިންތިހާބު ކާމިޔާބު ކުރާނީ ވެސް އެމަނިކުފާނުކަމަށް ސައީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: