ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބުގެ ވަކީލުކަން ކުރި ނަމަވެސް ފުށު އަރާ ސަބަބެއް ނެތުމުން، ފުއްގިރި މައްސަލައިން ގާޒީ ތަނާޒުލް ނުވި

އަދީބުގެ ގާނޫނީ ވަކީލުންގެ ގޮތުގައި ޝަމީމާއި ނަދީމް ދިން ޕްރެސްއެއްގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބަންދު މަރުހަލާއެއްގައި، ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައި ވީ ނަމަވެސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ރ. ފުއްގިރި މައްސަލައިގައި ކުރާ ދައުވާތަކުގެ ޝަރީއަތުން ތަނާޒުލް ވާނެ ހާލަތެއް ނެތްކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެއްޖެ އެވެ.

ފުއްގިރި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިޔަށް ކުރިޔަށް ގެންދަވާ ގާޒީ އަކީ މައްސަލައިގައި ހެކި ބަސް ދޭ އަހުމަދު އަދީބުގެ ގާނޫނީ ވަކީލުން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ ދިފާއުން ވަނީ އެކަން އިއުތިރާޒުކޮށްފަ އެވެ.

ގާތްގަނޑަކަށް އަހަރެއް ހާ ދުވަސް ފަހުން ފުއްގިރީގެ އަޑުއެހުންތައް އަލުން ފެށިއިރު، ޖެނުއަރީ މަހުން ފެށިގެން މައްސަލަ އާއި ހަވާލުވެ ހުންނެވީ ގާޒީ ނަދީމެވެ. އެއީ ވ. އާރަށުގެ މައްސަލަ ވެސް ބެއްލެވި އިސް ގާޒީ އަހުމަދު ޝަކީލް މައްސަލައިން ތަނާޒުލް ވެ ވަޑައިގަތުމުންނެވެ.

ގާޒީ ނަދީމް މައްސަލައިން ތަނާޒުލް ވާން ޖެހޭ ހާލަތެއް އެބައޮތްކަން ފާހަގަކޮށް، ޖެނުއަރީ 02 ގައި ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުން ވިދާޅުވީ ގާޒީ ނަދީމަކީ ޝަރީއަތަށް ދައުލަތުގެ ގޮތުގައި ހެކި ބަސް ދިނުމަށް ދައުލަތުން ހުށަހަޅާފައިވާ އަދީބުގެ ގާނޫނީ ވަކީލުކަން ކުރެއްވި ބޭފުޅެއް ކަމަށެވެ. އެ ނުކުތާތަކާއި ގުޅިގެން ދިފާއުގައި ގާޒީ ނަދީމް ވިދާޅުވީ އަދީބަށް ގާނޫނީ އެހީތެރިކަން ދިނީ މީގެ ހަތް އަހަރު ކުރީން އޭނާ ބަންދުގައި ހުއްޓައިކަމަށެވެ. ހިޔަނާތުގެ ދައުވާތަކުގެ މައްސަލައިގައި އެއްވެސް މިންވަރަކަށް ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ނުވާނެކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.

އެ ދުވަހު ރައީސް ޔާމީންގެ ވަކީލުންނާއި، ކްރިކް ރިޒާގެ ވަކީލުންގެ އިއުތިރާޒުތަކަށް ގާޒީ ނަދީމް ވިދާޅުވީ ޝަރީއަތުން އެކަމާއި މެދު ވިސްނާނެ ކަމަށެވެ. އެއަށް ފަހު މިއަދު މައްސަލައިގައި ޝަރީއަތުގެ އަޑުއެހުން ފެށުމާއި އެކު، އަނެއްކާވެސް ވަކީލުން އެކަން ފާހަގަ ކުރި އެވެ. ފުއްގިރި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ގާޒީ ނަދީމް ވިދާޅުވީ، މައްސަލައިގެ ހުކުމް އަންނަ ގޮތަކުން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވާ އަދީބަށް ލިބޭނެ ފައިދާއެއް އަދި ގެއްލުމެއް ވެސް ނެތް ކަމަށެވެ. އަދި އަދީބަށް މީގެ ހަތް އަހަރު ކުރީން ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައި ވުން އެއީ މަސްލަހަތު ފުށުއަރާނެ ސަބަބެއްގެ ގޮތުގައި ނުދެކޭކަމަށް ވެސް ވިދާޅުވި އެވެ.

ގާޒީ ނަދީމް އަދީބަށް ގާނޫނީ އެހީ ފޯރުކޮށް ދިނީ ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގައި ތުހުމަތުތަކެއްކޮށް އަދީބު ހައްޔަރު ކުރުމުންނެވެ. އެއަށް ފަހު އަދީބުގެ ގާނޫނީ ވަކީލުންގެ އެކި ޕްރެސްތަކުގައި މިހާރުގެ ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމާއި އެކު ނޫސްވެރިންނަށް މައުލޫމާތު ވެސް ދީފައި ވެއެވެ.

އަދީބުގެ ވަކީލުންގެ ޓީމުން ނަދީމް ވަކިވިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ 2015، ނޮވެމްބަރު 14 ގަ އެވެ. އޭގެ ކުރިން ވަކީލުން އަދީބާއި ބައްދަލު ކުރިއިރު ވަކީލުންތަކެއް އަދީބާއި ގުޅުން ނެތް ލިޔެކިއުންތަކެއް އެނާއާއި ހަވާލު ކުރަން އުޅުނުކަމަށް ބުނެ ފުލުހުން ބަޔާނެއް އާއްމު ކުރިކަން ފާހަގަކުރެވެ އެވެ.

ގާޒީ ނަދީމް މައްސަލައާއި ހަވާލުވި އިރު، އަޑުއެހުންތައް ގޮސްފައި އޮތީ ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާ ހަމައަށެވެ. އެ އަޑުއެހުމުގައި، ދައުލަތުން އެދުނީ އިތުރު އައު ހެކިތައް ހުށަހެޅުމުގެ ފުރުސަތަކަށެވެ. މައްސަލައިގައި އައު މައުލޫމާތުތަކެއް ލިބިފައިވާކަމަށް ބުނެ ދައުލަތުން ހުށަހަޅަން އެދުނު ލިޔުމަކީ، ފުއްގިރީގެ މުއާމަލާތާއި ގުޅިގެން ޕެންޑޯރާ ޕޭޕާސް އާއްމު ކުރި ލިޔެކިއުމެވެ. ދައުލަތުން ހެކީގެ އިތުރު ފުރުސަތަކަށް އެދުމުން، ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވެސް ވަނީ އެ ހުށަހެޅުންތަކުގެ މައްޗަށް އިތުރު އައު ހެކި ހުށަހެޅުމުގެ ފުރުސަތު ދިފާއަށް ދިނުމަށް އެދިފަ އެވެ.

ގަޒީ ނަދީމް ވިދާޅުވީ އެކަމާއި ގުޅިގެން ދިފާއީ ހެކި ހުށަހެޅުމަށް އިފްތިތާހީ ބަޔާނުގައި ފުރުސަތު ލިބޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އިތުރު އަޑުއެހުމެއް އޮންނާނީ ފެބްރުއަރީ 14 ގައި 13:00 ގައި ކަމަށެވެ. އެ ދުވަހު ކުރިޔަށް ގެންދާނީ ދައުލަތާއި މައްސަލައިގައި ދެން ހިމެނޭ ސަން ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާއި މެދު ގޮތެއް ނިންމުމެވެ.

ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ވ. އާރަށު މައްސަލައިގައި އުފުލި މަނީ ލޯންޑްރިން އާއި ރިޝަވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ފުއްގިރި މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ގިނަ ހެއްކެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ. ހިޔާނާތުގެ މައްސަލައިގައި މިހާރު ވެސް ހުކުމް އިއްވާފައިވާ އަދީބާއި ޒިޔަތު މީގެ ކުރިން ވެސް ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދީފައި ވެއެވެ.

ދައުލަތުން ވަނީ، ސިޔާމާއި ގާތް ގުޅުމެއް އޮންނަ، ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަން ކުރި އަލީ މައުރޫފްގެ ނަން ވެސް ރައީސް ޔާމީނާއި ދެކޮޅަށް ހުށަހަޅާފަ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ ނަން ވެސް ހުށަހަޅާފައި ވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: