ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް 52 މިލިއަން ދައްކަން ޔާމިންގެ މައްޗަށް ނެރުނު އަމުރު އިސްތުއުނާފަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވި މައްސަލައިގައި، ފަހުން ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ދައުލަތަށް 52 މިލިއަން ރުފިޔާ ދެއްކުމަށް އަންގައި ނެރުނު އަމުރު އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކޯޓުން ރައީސް ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަށް ފަހު 3.5 މިލިއަން ޑޮލަރަށް ވާ 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ.

ވ. އާރަށުގެ މައްސަލައިގައި މިދިޔަ އަހަރު ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމާއި އެކު ފަސް މިލިއަން ޑޮލަރު ވަކި މުއްދަތެއްގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ހުކުމް ކުރި އެވެ. އެ މައްސަލައިގައި ލޯންޑާރ ކުރިކަމަށް ބުނާ 3.4 މިލިއަން ޑޮލަރު ދައުލަތައް ދެއްކުމަށް އަންގައި ކޯޓުން އަމުރު ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެހެންވެ، އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

އެއީ އާރަށުގެ މައްސަލައިގެ ހުކުމުގައި އެފަދަ އެއްވެސް ވާހަކައެއް ނެތުމުންކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ހާމަކޮށްފަ އެވެ.

ހައިކޯޓުން މައްސަލަ ބަލައިގަތުމާއި މެދު އަދި ގޮތެއް ނުނިންމަ އެވެ.

މީގެއިތުރުން، އާރަށުގެ މައްސަލައިގެ ހުކުމް ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ބައެއް ކަންކަން އިސްލާހު ކުރުމަށް ފަހު އަލުން ހުށަހެޅުމަށް ވަކީލުންނަށް އަންގަވާފަ އެވެ.

މިވަގުތު ތަންފީޒު ކުރަމުން ދާ ހުކުމާއި އެކު، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކެއްގެ ޝަރީއަތްތައް ވެސް ދަނީ ކުރިޔަށެވެ. ރ. ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ގާތްގަނޑަކަށް އަހަރެއް ހާ ދުވަހަށް ފަހު ފެށިއިރު ދައުލަތުން މީގެ ކުރިން ވަނީ ރައީސް ޔާމީނުގެ އާއިލާ ދިރިއުޅެމުން ދާ ގެ ނުވަތަ އެ މުދާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް އެދިފަ އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ދެކޭ ގޮތުގައި، މިއީ ރައީސް ޔާމީނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވުމަށް ސަރުކާރު އަޑީގައި އޮވެގެން ކޯޓުތަކަށް ފޯރުވާ ނުފޫޒެކެވެ. އެ ތުހުމަތުތަކާއި އެކު، އިދިކޮޅުން މައްސަލަ ކަމާއި ބެހޭ އިދާރާތްތަކަށް ވެސް ހުށަހެޅި އެވެ.

ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް އިދިކޮޅުން ބުނެފައި ވަނީ 2023 ގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: