ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްތިހާލްގެ މަރަށް ފަސް އަހަރު: މައްސަލައިގެ ހުކުމް އިއްވުން އާދީއްތަ ދުވަހު!

އިބްތިހާލްގެ މަރުގެ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން އަންނަ އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

މައްސަލައިގެ ހުކުމް އިއްވުން ތާވަލުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު 14:00 އަށެވެ. މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ޖެނުއަރީ، 2015 ގައި ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް، މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެއެވެ. އެއީ އިބްތިހާލް މަރުވުމުގެ ކުރިން އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ބުނެ ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާއި އިބްތިހާލް މަރުވި މައްސަލާގައި ކުރާ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި އިބްތިހާލްގެ މަންމަ އާފިޔާ ހައްޔަރު ކުރުމާއި އެކު އޭރު މުވައްސަސާތަކަކާއި ވުޒާރާތަކުން ވެރިން ބުނަމުން ދިޔައީ މައްސަލަ ވަރަށް އަވަހަށް ތަހުގީގުކޮށް އިބްތިހާލަށް ލިބެންޖެހޭ އިންސާފު ހޯދައިދޭނެކަމަށެވެ. އެގޮތުން މަސައްކަތް ބާރު ސްޕީޑެއްގައި ފެށި އިބްތިހާލްގެ ދޮން ކާފަ އިސްމާއިލް ރައޫފްގެ މައްޗަށް އަމިއްލަ ދަރިކަށާއި ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ ވެސް އުފުލިއެވެ.

އިބްތިހާލަށް އާފިޔާ އިހުމާލު ވަމުން ދިޔަކަމުގެ އެތައް މައްސަލައެއް ހުށަހެޅުނު ނަމަވެސް ކަމާއި ބެހޭ އިދާރާއަކުން އޭގެ އެއްވެސް މައްސަލައެއްގެ ތަހުގީގެއް ހިންގާފައި ނުވާތީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މައްޗަށްވެސް އިހުމާލުވީ ކަމުގެ ދައުވާ އުފުލުނެވެ. އެހެން ނަމަވެސް އެ ތުއްތު ކުއްޖާގެ މަރަށް ފަސް އަހަރު ވެގެންދިޔައިއިރު އިބްތިހާލު މަރާލިކަމަށް، އޭނާގެ މަންމަ އާފިޔާ އެއްބަސްވީ ޝަރީއަތުގެ މަޖިލީހުގައެވެ.

ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މައްސަލައިގައި އޭނާގެ މަންމަގެ މައްޗަށް ދައުވާކުރި މައްސަލަ ކޯޓުގައި އޮންނަތާ ތިން އަހަރުވެއްޖެއެވެ.

އާފިޔާގެ ބަސް، “މިއަދު ޖެހި ޖެހީނުން މަރާލާނަން” ކުކުރެމުން އިބްތިހާލްގެ އެންމެ ފަހު ބަހަކަށް “މަންމާ”!

އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދީ، އޭނާ މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދައުވާ ކުރާއިރު، މީގެ ކުރިން ތަހުގީގާއި ޝަރީއަތުގެ އެތައް އަޑުއެހުންތަކެއްގައި އޭނާ ވަނީ އިބްތިހާލް މަރުވި ދުވަހު އިބްތިހާލަށް އަނިޔާ ކުރި ކަމަށް އެއްބަސްވެ، އެކަން ކުރި ގޮތް ތަފްސީލްކޮށް ކިޔައިދީފައެވެ. އާފިޔާ ބުނެފައި ވަނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލު ކުރި ދުވަހުން ފެށިގެން އަނިޔާ ކުރި ކަމަށާއި އަނިޔާ ކުރީ އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާ ކުރާ ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ބޭއްވި އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކޮށްފައި ނުވާނެކަމަށް ބުނެފަެވެ. އާފިޔާ ބުނީ އިބްތިހާލަކީ މަރާލަންޖެހޭ ކުއްޖެއް ކަމަށް ގޮވާފައިވަނީ އަވަށްޓެރިން ކަމަށެވެ. އެގޮތުން ބައެއް އަވަށްޓެރިން ގޮވާފައިވަނީ އިބްތިހާލަކީ މަރާލަންޖެހޭ ކުއްޖެކޭ ކަމަށް އާފިޔާ ޝަރީއަތުގައި ބުނެފައިވެއެވެ.

އިބްތިހާލް މަރުވުމުގެ ދުވަސްތަކެއް ކުރިން މަންމަ އާފިޔާގެ ފަރާތުން އޭނާއަށް އަނިޔާތަކެއް ލިބެމުން ދިޔަ ކަން ޖެންޑާ މިނިސްޓްރީއަށް އެރަށުން ރިޕޯޓްކޮށްފައިވެއެވެ.

އިބްތިހާލްގެ މަރުގެ މައްސަލައިގައި މިދިޔަ ފެބްރުއަރީގައި ބޭއްވި އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ އިބްތިހާލް މަރުވި ދުވަހު ހިނގައިދިޔަ ހުރިހާ ކަމެއް ބަޔާނުގައި ހުށަހަޅާފައެވެ. އަދި އެ ހުރިހާ ވާހަކައެއް ހުށަހަޅަމުން ދިޔައިރު އާފިޔާގެ މޫނުމަތީން އެއްވެސް މާޔޫސްކަމެއް ނުފެނެއެވެ. އެ ބަޔާން ހުށަހަޅަމުން ދިޔަ ވަގުތު، ކޯޓު ރޫމަށް ހާޒިރުވެތިބި ހުރިހާ ނޫސްވެރިންވެސް ތިބީ އިސްޖަހައިގެންނެވެ. އަދި ދޭތެރެއަކުން އާފިޔާވެސް ފަހަތަށް އެނބުރި ނޫސްވެރިންނަށް ނަޒަރު ހިންގާލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: