ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއެންއޭއިން ޒިނޭ ސާބިތު ކުރުން: ބޮޑު ބަހުސްއަކަށް ގެނައި ނިމުން؟

ސުޕްރީމް ކޯޓުން ހުކުމް ކުރީ ޒިނޭ ސާބިތު ކުރުމަށް، ޑީއެންއޭ ބަލައިގަނެވޭނެކަމަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައިވެނިން ބޭރުން ބަލިވެ އިނދެ، ވިހެއި ކުއްޖާގެ ޑީއެންއޭ ޒިނޭގެ ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅުމުން، އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލީ އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތު ކުރެވޭނެ ގޮތް ސާފުކޮށް ބަޔާންކޮށްފައި ވަނިކޮށް އެ ނޫން ގޮތަކަށް އެ ކުށް މީހެއްގެ މައްޗަށް ސާބިތު ނުކުރެވޭނެކަމަށް ނިންމުމަށް ފަހު އެވެ.

ޒިނޭގެ ކުށް ސާބިތުކުރުމުގައި ޑީއެންއޭ ހެއްކެއްގެ ގޮތުގައި ބަލައިގަތުމާއި ގުޅޭގޮތުން 2020 ވަނަ އަހަރުގެ ފަހުކޮޅު ބަހުސްތަކެއް ކުރެވުނެވެ. އެއީ ޒިނޭގެ ކުށް ސާބިތު ކުރުމުގައި ޑީއެންއޭ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް ހައިކޯޓުން ނިންމުމާއި ގުޅިގެންނެވެ. ހައިކޯޓުގެ މިފަދަ ހުކުމެއް އައީ 2016 ވަނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އުތުރުގެ ހޮސްޕިޓަލެއްގައި ވިހެއި ކުއްޖެއް އެއީ، ޒިނޭގެ ސަބަބުން ލިބުނު ކުއްޖެއް ކަމާއި، އެ ކުއްޖާގެ ޑީއެންއޭ އެ އަންހެން މީހާ، ޒިނޭ ކުރި ކަމަށް އޭނާ ބުނާ ފިރިހެން މީހާ އާއި ދިމާވާކަމަށް ބުނާ މައްސަލައެއްގައެވެ. މައްސަލަ ބެލި ދަށު ކޯޓު ކަމަށްވާ ހދ. ކުޑަހުވަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފައި އޮތީ ފިރިހެންމީހާގެ މައްޗަށް އުފުލި ޒިނޭގެ ދައުވާ ސާބިތު ނުވާ ކަމަށެވެ. ދައުލަތުން އެ ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް ތާއިދުކުރީއެވެ. އެއަށް ފަހު ދައުލަތުން މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ދިއުމުން، އެ ކޯޓުން ނިންމީ އެކަށީގެންވާ ހެކި ހުރެ ޒިނޭގެ ކުށް ސާބިތު ކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެ ކަމަށެވެ.

މީގެ ފަސް އަހަރު ކުރިން ހިނގި މި ހާދިސާގައި، ޝަމީމާ ކިޔާ މީހަކު ވަނީ އޭނާ ވިހެއި ދަރިއެއް އެއީ ތައުފީގާއި އެކު ޒިނޭ ކުރުމުން ލިބުނު ކުއްޖެއްކަމަށް ބުނެފަ އެވެ. ކުއްޖާގެ ޑީއެންއޭ އާއި ތައުފީގާއި ދިމާވީ ނަމަވެސް، އޭނާ ޝަމީމާއި އެކު ޒިނޭ ކުރިކަމަށް އިންކާރު ކުރެ އެވެ.

ހައިކޯޓަށް ދައުލަތުން މައްސަލަ ހުށަހެޅީ ދެ އަސާސެއްގެ މައްޗަށެވެ. އޭގައި ހިމެނެނީ އަންހެން މީހާގެ އިއުތިރާފާއި، ދެވަނަ ކަމަކަށް ފިރިހެން މީހާއާއި ކުއްޖާގެ ޑީއެންއޭއާއި ދިމާވާކަމުގެ ރިޕޯޓެވެ. ހައިކޯޓުން ދައުލަތާއި ދެކޮޅަށް މައްސަލަ ނިންމީ، އިސްލާމީ ޝަރީއަތުގައި ބުނާ ދެ ހެކިން ކުރެ އެއްވެސް ހެއްކެއް ދެއްކިފައި ނުވާތީ އެވެ.

އިސްލާމީ ޝަރީއަތުގައި ވާ ގޮތުން ޒިނޭގެ ކުށް ސާބިތު ކުރެވޭނީ ދެ ގޮތަކަށެވެ. އެއީ އެމީހެއްގެ އަމިއްލަ އިއުތިރާފުން ނުވަތަ ހަތަރު ފިރިހެނަކަށް، އެ ކުށް ކުރަނިކޮށް ފެނި ސީދާކޮށް ސާފުކޮށް އެކަން ބަޔާންކޮށް ހެކި ބަސް ދީގެންނެވެ. އެ ނޫން ގޮތަކަށް ކުށް ސާބިތު ނުކުރެވޭނެ އެވެ. ދަށު ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތު ނުވީ އެ ސަބަބާއި ހުރެ އެވެ. މައްސަލައިގައި ހައިކޯޓުން ވެސް ނިންމީ ކުއްޖާގެ ޑީއެންއޭ އާއި ތައުފީގުގެ ޑީއެންއޭއާއި ދިމާވީ ނަމަވެސް، އެ ރިޕޯޓު ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށެވެ.

ސާބިތުނުވި ޒިނޭ އާއި ޑީއެންއޭ: މައްސަލައަކީ ގާނޫނީ ޒިނޭ!؟

މި މައްސަލައިގައި ނަތީޖާއެއްގެ ގޮތުން، ކުށްވެރިވީ ޝަމީމާ އެކަންޏެވެ. ތައުފީގު އޭގެއިން ސަލާމަތްވީ އެވެ.

އެހެންވެ، ދައުލަތުން މައްސަލަ ހިފައިގެން ދެން ދިޔައީ ސުޕްރީމް ކޯޓަށެވެ. ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާފައި ވަނިކޮށް މި ހަފްތާގައި ސުޕްރީމް ކޯޓުން މައްސަލައިގައި ގޮތެއް ނިންމި އެވެ. އުފެދިފައިވާ ބަހުސްއަށް ނިމުމެއް ސުޕްރީމް ކޯޓުން ގެނެސް އިއްވި ހުކުމުގައި ވަނީ، ހާދިސާއަށް ބާރުދޭ އިތުރު ހެއްކާއި ގަރީނާ ހުރިނަމަ ޒިނޭގެ ކުށް ސާބިތު ކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެ ކަމަށެވެ.

ޖުމްހޫރު އިލްމުވެރިންގެ ނަޒަރުގައި ހައްދާއި ގިސާސްގެ މައްސަލަތަކުގައި ހުކުމް ކުރެވޭނީ، އެއްވެސް ޝައްކެއް ނެތް މިންބަރަށް ސާބިތުވާނަމަ ނުވަތަ އެހެން އިބާރާތަކުން ބުނާނަމަ އެ ކުށް ކުރިކަމަށް މުޅިން ޔަގީންވާނަމަ އެވެ. އެކަން ހާސިލް ކުރެވޭނީ ހަމައެކަނި އިއުތިރާފުން ނުވަތަ ހެކިންގެ ހެކި ބަހުންނެވެ.

މިއާއި ހިލާފަށް ބައެއް އެހެން އިލްމުވެރިންގެ ނަޒަރުގައި ހާއްދާއި ގިސާސްގެ މައްސަލަތަކުގައި މުޅިން ޔަގީންވާ މިންވަރު ހާސިލު ކުރުމަކީ ވާނެ ކަމެއް ނޫނެވެ. އެހެންކަމުން އެފަދަ އިލްމުވެރިންގެ ނަޒަރުގައި ހައްދާއި ގިސާސްގެ މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް މީހަކު ކުށް ކުރިކަމަށް ގާޒީއަށް ގަބޫލު ކުރެވޭނަމަ ނުވަތަ ޔަގީނާއި ގާތްކުރާ މިންވަރެއް ހާސިލު ކުރެވޭނަމަ އެފަދަ މައްސަލަތަކުގައި ހުކުމް ކުރެވޭނެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް ނެރުއްވުމުގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވަނީ ޑިއެންއޭ އާއި އެފަދަ ސައިންޓިފިކް ގަރީނާއަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ ގަރީނާ ހުރެއްޖެނަމަ ހައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑަކުން ސާބިތު ކުރުމަށް ފުދޭނެ ވަސީލަތްތަކެއް ކަމަށެވެ. އެހެން ނަމަވެސް އެ ހާލަތުގައި ކުށް ސާބިތުވި މީހާގެ މައްޗަށް ހައްދުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެ މީހާއަށް ދޭން ވާނީ ތައުޒީރުގެ އަދަދބެއްގެ ގޮތުގައި ފަނޑިޔާރު ލިޔުއްވި އެވެ.

އޭގެ އިތުރުން މިފަދަ މައްސަލަތަކުގައި އެއްވެސް ހާލެއްގައި ހައްދުގެ އަދަބު ދީގެން ނުވާނެކަމަށާއި އޭގެ ސަބަބަކީ ޑީއެންއޭއާއި އެފަދަ ސައިންޓިފިކް ގަރީނާތަކަކީ ޝުބްހައުގެ މަހައްލުން މުޅިން ނެއްޓިފައިވާ އެއްޗަކަށް ނުވާތީވެ، އެފަދަ ޝުބުހައެއް އޮންނަ ހާލަތުގައި ހައްދުގެ އަދަބު ދިނުމުން އެއްކިބާވުމަށް ރަސޫލާ އިރުޝާދު ދެއްވާފައިވާތީ އެވެ.

“އަދި ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް ބަލާއިރު އެގޮތުން ދެވޭ ތައުޒީރުގެ އަދަބު ކަނޑައަޅަންވާނީ އެ ހާލަތުގައި ކަނޑައަޅާނޭ ތައުޒީރުގެ އަދަބެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވފާ ގާނޫނެއްގައި ބަޔާންކޮށްފައިވާނަމަ އެވެ” ފަނޑިޔާރު ސުއޫދު ލިޔުއްވާފައި ވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ވާ ގޮގޮތުން އެ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ޒިނޭގެ ކުށް ސާބިތު ކުރަނީ، އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކި ބަހުން ނޫން ގޮތުގައި ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާ ގޮތުގައި ގަބޫލު ކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކުންކަމުގައި ވާނަމަ އެ ކުށަކީ އެ ނޫން ވެސް ހާކަތްތަކުގައި އެ ކުށް ދަރަޖަ ކުރެވޭ ނިސްބަތް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމަށެވެ. އެ މާއްދާއާއި ހަވާލާދީ ހުކުމުގައި ވަނީ ރާއްޖޭގައި ޑީއެންއޭ ފަދަ ގަތުއީ ގަރީނާތަކުން ހައްދުގެ ކުށް ސާބިތު ކުރެވޭނެކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާކަން އެނގެން އެބައޮތް ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) އިންނާއި (ބ) އިން އެނގެނީ ޒިނޭގެ ކުށް ސާބިތު ކުރަނީ އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކި ބަހުން ނޫން ގޮތުގައިކަމަށް ވާނަމަ އެ މީހަކަށް ދޭނީ މި މާއްދާގައި ބަޔާންކޮށްފައިވާ ތައުޒީރީ އަދަބުކަމެވެ.

އިއުތިރާފުން ނުވަތަ 04 ހެކިންގެ ހެކި ބަހުން ސާބިތުވެގެން ނޫން ގޮތަކަށް ޒިނޭގެ މައްސަލަތަކުގައި ހައްދުގެ އަދަބު ނުދެވޭނެ އެވެ. ދީގެން ވެސް ނުވާނެ އެވެ.

މި ނިންމެވުން ބިނާ ކުރެއްވި ބައެއް ނުކުތާތައް ފާހަގަކުރައްވައި ފަނޑިޔާރު ވިދާޅުވީ ހައްދުގެ ހުކުމް ކަނޑައަޅާފައިވާ މައްސަލަތަކުގައި ގަރީނާ ބޭނުންކޮށްގެން ކުށް ސާބިތު ކުރުމާއި މެދު ދީނީ އިލްމުވެރިންގެ މެދުގައި ސުވާލު އުފެދެނީ ޝައްކުތަކުން ދުރުވުމަށް ރަސޫލާ އަންގަވާފައިވާތީ ކަމަށެވެ. އެހެން ނަމަވެސް އެކަށީގެންވާ ހެކި ހުރި ހާލަތްތަކުގައި މައްސަލަތައް ނިންމަވާފައި އެބަހުރިކަން ސުއޫދުގެ ރައުޔުގައި ވެއެވެ.

އެއަށް ބާރު ލިބޭ ނުކުތާތައް ހިމެނުއްވި އެވެ. “ހެއްކެއް ނެތީސް ރަޖަމް ކުރުމަށް ހުކުމް ކުރެވޭނަމަ އޭނާގެ އުޅުމާއި، ވާހަކަދެއްކުމާއި ވަށައިގެންވާ ކަންކަމަށް ބެލުމުން އޭނާގެ އިއްފަތްތެރިކަމުގެ މައްޗަށް ޝައްކު އުފެދޭ ހިނދު އެކަނބުލޭގެ ރަޖަމު ކުރުމަށް ތިމަންކަލޭގެފާނު އެންގެވީމުހެވެ.”

ހެކީގެ ވަސީލަތެއް ނެތްނަމަ ދެން ލިބެން އޮތް އެންމެ ރަނގަޅު ހެކީގައި ހިފުމަކީ އަދުލުއިންސާފަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސުއޫދު ވިދާޅުވި އެވެ.

“އަލްވަލީދު ބިން އުތުބާ ރާބޮއިގެން ހޮޑުލެވުމުން އުޘްމާންގެފާނު އޭނައަށް ހައްދުގެ އަދަބު ދެއްވި އެވެ. އުޘްމާނުގެފާނު އެގޮތަށް ނިންމެވީ އޭނާ ރާ ނުބޯނަމަ އޭނާއަށް އެތަކެތި ހޮޑުގެ ގޮތުގައި ލެވޭނެ ގޮތެއް ނޯންނާނެތީ އެވެ” ހުކުމުގައި ވެއެވެ.

ހުކުމުގައި ވަނީ ސައްހަ ކައިވެންޏެއްގައި ނުވަތަ އިއްދައިގައި ނެތް އަންހެނަކު ބަލިވެ އިނުމުން އެއީ އޭނާ ޒިނޭ ކުރިކަމުގެ ވަރުގަދަ ގަރީނާއެއް ނޫން ކަމަށެވެ. އެގޮތުން ރޭޕްގެ ސަބަބުން އަންހެނަކު ބަލިވެ އިނުމަކީ އެކަށިގެންވާ ކަމަކަށްވާއިރު މައްސަލައިގައި ވަށައިގެންވާ ކަންކަމަށް ބަލަންޖެހޭކަން ހުކުމުގައި ވެއެވެ.

“ރޭޕްގެ ސަބަބުން އަންހެނަކު ބަލިވެ އިނުމަކީ އެކަށީގެންވާ ކަމަކަށްވާއިރު ހުކުމްކުރުމުގެ ކުރިން އެ ގޮތުން އުފެދޭ ޝައްކުތައް ކީރިތި ރަސޫލާގެ ހަދީސްގައިވާ ގޮތުގެ މަތިން ފިލުވުމަކީ ގާޒީގެ މައްޗަށް ލާޒިމުކަމެކެވެ،” ހުކުމުގައި ވެއެވެ.

ނަމަވެސް ޑީއެންއޭ އާއި އިނގިލީގެ ނިޝާން ފަދަ ގަރީނާތަކަކީ އެ ގަރީނާތައް ކަށަވަރުކޮށްދޭ ބާރުދެނިވި ހެއްކާ ނުލައި ޒިނޭގެ ކުށް ސާބިތުކޮށް ދިނުމަށް ފުދޭނޭ ވަސީލަތްތަކެއް ނޫން ކަމަށް އިލްމުވެރިން ވިދާޅުވެފައިވާކަން ސުއޫދުގެ ރައުޔުގައި ލިޔުއްވާފައި ވެއެވެ.

ޒިނޭ ސާބިތުކުރަން ޑީއެންއޭގެ ބަހުސް!

ހުކުމާއި އެކު ފާޑުކިއުމާއި، މަރުހަބާތައް

މި ހުކުމް މީޑިއާތަކުން ގެނައުމާއި އެކު ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ހުކުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ ޑީއެންއޭއަކީ ހައްދާއި ގިސޯސްގެ މައްސަލަތައް ފިޔަވައި، އެހެނިހެން ޖިނާއީ ކަންކަން ސާބިތުކުރުމުގެ ވަސީލަތެއް ކަމަށެވެ. ނަމަވެސް, ނަސަބުގެ މައްސަލަތަކުގައި އިސްކުރަންޖެހޭނީ ނުސޫސުތަކާއި ޝަރުއީ ގަވާއިދުތައް ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ. ޑީއެންއޭއިން ޒިނޭ ސާބިތުކޮށްގެން އަދަބު ދެނީ ކޮން ގައުމެއްގައި ތޯ ސުވާލު އުފައްދައި ޑރ. ޝަހީމް ވިދާޅުވީ ދުނިޔޭގެ އެންމެ މަތީ ދީނީ އިލްމުވެރިންގެ މަޖިލީހުގައި ވެސް ޑީއެންއޭ ބޭނުންކޮށްގެން ޒިނޭ ސާބިތު ނުވާކަމަށެވެ.

ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް މުހުތާޒް މުހުސިން ލިޔުއްވާފައިވާ ގޮތުން، ގާނޫނީ ޒިނޭއަކީ، ގާނޫނީ “ބައްޕެގެ” މަފްހޫމް މުޖްތަމައުގެ ތެރެއަށް ތައާރަފްވުމަށް އޮތް ދޮރަކަށް ހެދިގެން ނުވާނެ އެވެ. ކުއްޖާގެ ނަސަބު ބެލުމުގައު އިސް ކުރަންޖެހޭނީ ޝަރުއީ އުސޫލުކަމަށާއި، ގާނޫނީ އުސޫލު ނަސަބުގައި އިސް ކުރެވިއްޖެނަމަ މުޖްތަމައު ފަސާދަވެ އެ ތުއްތު ކުއްޖާގެ ހައްގަށް އުނިކަން ލިބޭނެކަމަށް މުހުތާޒް ވިދާޅުވި އެވެ.

މި މައްސަލައާއި އެކު ތައާރަފުވީ “ގާނޫނީ ޒިނޭ” ގެ ވާހަކައެކެވެ. ޒިނޭގެ ކުށް ސާބިތު ކުރުމަށް ޑީއެންއޭގެ ހެކި ހޯދުމަށް ގާނޫނުލްއުގޫބާތުން ވަނީ ތަންދީފައިވާއިރު މިއީ ޝަރުއީ ޒިނޭގެ ބޭރުން އައިސްފައިވާ ކުށެކެވެ. ގާނޫނުގައި އުފެއްދި ގާނޫނީ ޒިނޭގެ މައިގަނޑުގެ އެއް ސަބަބަކީ ފިރިހެނެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތު ނުކުރެވި، އަންހެނަކަށް އެ ކުށް ސާބިތުވާ މިންވަރު އިތުރުވުމެވެ. ދެ މީހުންގެ ބައިވެރިވުން އޮވެގެން އަރައިގަންނަ އެ ކުށަށް، ޒިނޭގެ ކުށެއް ތައާރަފް ކުރީ އެހެންވެ އެވެ.

ގާނޫނީ ޒިނޭ އާއި ޝަރުއީ ޒިނޭ ތަފާތެވެ. ހަތަރު ފިރިހެނުންގެ ހެކި ބަހުން ޝަރުއީ ޒިނޭ ސާބިތުކުރާއިރު، ގާނޫނީ ޒިނޭގައި އެހެނިހެން ހެއްކާއި ގަރީނާ ބޭނުން ކުރެވިދާނެ އެވެ. އެއީ ޒިނޭގެ ކުށަށް އެ މީހާ އިންކާރު ކުރާ ހާލަތެއްގައި އޭނާއާއި ދެކޮޅަށް ކުށް ސާބިތު ކުރުމަށް ޝައްކެއް ނެތް މިންވަރަށް ހެކި ހުށަހެޅުމެވެ. އަދި އޭގެއިން އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވިދާނެ އެވެ.

ކޮންމެއަކަސް ސުޕްރީމް ކޯޓުގެ ނިންމުމަކީ ބޮޑު ހުކުމެކެވެ. ބޮޑު ބަހުސްއެއްގެ ނިމުން ގެނައި މި ހުކުމަކީ، އެކެއްގެ ބޮލުގައި ކުށް އެޅި އަނެކާ ސަލާމަތްވަމުން އައި ސަގާފަތަށް ނިމުމެއް ގެންނާނެ ހުކުމެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: